މ.މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި

މ.އަތޮޅު މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.
އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިންގ ކޮމްޕެނީ އެމް.ޓީ.ސީ.ސީ އިންނެވެ.
ރަށް ގިރުމުގެ މައްސަލައަކީ މުލަކަށް ބޮޑު މައްސަލައެކެވެ. މިކަމަށް އެއްވެސް ވަރަކަށް އަޅާނުލެވި އޮތުމުން ރަށުގެ ބިމުން ބޮޑުބައެއް ގިރައިގޮސްފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.
އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ޖަމާލް ވިދާޅުވީ އެރަށުން ހިމާޔަތް ކުރި ރަށުގެ އިރުމަތި ފަރާތަކީ ރާޅު ބޮޑުވެ އުދަ އަރާ ދުވަސްތަކުގައި މީހުން ދިރިއުޅޭ ސަރަހައްދަށް އެކަމުގެ އަސަރު ކުރާ ސަރަހައްދެއްކަމަށެވެ. މި މަސައްކަތާއެކު ރައްޔިތުންގެ މާޔޫސްކަން ފިލައިގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ "މީމު މަސް ބަނދަރު" ތަރައްޤީކުރުމުގެ މަސައްކަތާއި އެކުއެވެ.
އެރަށުގައި 411.90 މީޓަރުގެ ސަރަޙައްދުގައި ޖިއޯ ބޭގް(ޖަމްބޯ ވެލިބަސްތާ)ގެ ރިވެޓްމަންޓް ޖައްސާ ގިރާ ސަރަހައްދު ހިމާޔަތްވުމަކީ ރަށަށް ލިބުނު ކުރިއެރުމެއްކަން އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީއިން ބުނީ މަސައްކަތް ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ. އަދި މަސައްކަތް ކުރާއިރު އަބަދުވެސް ބަލަނީ ރައްޔިތުން ބޭނުންވާގޮތައް ގިނަދުވަހަށް ރައްކާތެރިކަމާއެކު އޮންނާނެގޮތަކަށް މަސައްކަތް ކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
މ.މުލަކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ މާޗް 29 ވަނަ ދުވަހުއެވެ. އަދި އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެކުންފުނިން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
މުލަކު ގޮނޑުދޮށް ޙިމާޔަތްކުރުމަށް ހިންގި މި މަސްރޫއަކީ 17.66 މިލިއަން ރުފިޔާގެ މަސްރޫއެކެވެ. ރާއްޖޭގެ އުމްރާނީ ތަރައްޤީ އާ އިޖްތިމާއީ ވަސީލަތްތައް ބިނާކުރާ އެމްޓީސީސީ އިންވަނީ މި ވޭތުވެދިޔަ ދެއަހަރު ތެރޭގައި ބަނދަރު ހެދުމާ ބިންހިއްކުމާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 42 މަސައްކަތެއް ނިންމާފައެވެ. މިހާރުވެސް އެކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ