ވާދަވެރި ކެންޑިޑޭޓަކު ހޮވާނެ ކަމެއް ނެތް: ނަޝީދު

ކޮމަންޑޫ ދާއިރާގެ ރަށްތައް ތަރައްގީކުރުމަށް ވާދަވެރި ޕާޓީތަކުގެ ކެންޑިޑޭޓެއް ހޮވުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވާދަވެރިންގެ ތަސައްވުރަކީ މާލެ ސަރަހައްދަށް މީހުން ޖަމާ ކުރުން ކަމަށެވެ. ރަށެއްގެ ތަރައްގީ އެއީ ވާދަވެރިންގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވެ އިދިކޮޅަށް ފަރާތްތަކަށް ފާޑު ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫ ތަރައްގީ ކުރުމަށް ވާދަވެރިން ހޮވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭން ފެށުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާ އަށް ރައީސް ނަޝީދު ފޮނުއްވި އޯޑިއޯ މެސެޖެއްގައި ވެސް ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނާ ގާތަށް ތަރައްގީ ގެންދިއުމަށްޓަކައި ޖަޒީރާ ދިރިއުޅުމަކަށް އަދި ލާމަރުކަޒީ ސިޔާސަތަކަށް ތާއީދު ކުރާ ޕާޓީއެއް ކަމަށެވެ.
"އެމްޑީޕީ ނޫނީ ވޯޓު ދިނުން އައުލާކަން ބޮޑު ޕާޓީއެއް އަދިވެސް ނެތް. އެކަން ކަށަވަރު ކޮށްދޭންވީ އަނެއްކާ ވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގިނަ އަހަރުތަކަކު އެމްޑީޕީން ވެރިކަން ކުރަމުން ދިއުމަކީ ވެސް ރައްޔިތުންނަށް އެންމެ ގިނަ ފައިދާ ލިބެން އޮތް ގޮތް ކަމަށެވެ. އެމްޑީޕީގެ ސިޔާސަތުތައް ހުންނާނީ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ލިބޭ ގޮތަށް ކަމަށްވާތީ ކުރިއަށް އޮތް އިންތިހާބުގައި ބޮޑުތަނުން ތިލަފަތް ބަރު ކުރަން ޖެހޭ ކަމުގައި ވެސް ވިދާޅުވި އެވެ.
ވާދަވެރިންގެ ތަސައްވުރަކީ މާލެ ސަރަހައްދަށް މީހުން ޖަމާކުރުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަދައްކަވާފައި މިވަނީ ވެރިކަން ދެން ލިބިވަޑައިގެންނެވި ނަމަވެސް އިސްކަން ދެއްވާނީ މާލެ ސަރަހައްދު ތަރައްގީ ކުރުމަށް ކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވާފައި ވަނިކޮށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ. އިންތިހާބުގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ