އެއްވެސް މީހެއްގެ ފަހަތަކަށް ނާރާނަން: އުމަރު

އެއްވެސް މީހެއްގެ ފަހަތަށް ދެން އޭނާގެ ސިޔާސީ ކެރިއަރުގައި ނާރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރޭ ދިވެހި ޗެނަލްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ އެއްވެސް ސިޔާސީ މީހެއްގެ ފަހަތަށް ނާރާނެ ކަމަށާއި އޭނާގެ ސިޔާސީ ހަޔާތުގައި ދެން އެއްވެސް މީހެއްގެ ފަހަތަށް ނާރާނެ ކަމަށާއި އެކަން މިހާރު ނިމިފައިވާ ކަމަށެވެ.
އަދި ރާއްޖެ ބަދަލުކުރަން ބޭނުންވާ ބަޔަކު ތިބިނަމަ އެންމެން ވެސް ދަތުރުކުރަންޖެހެނީ އޭނާއާއެކު ކަމަށާއި އެގޮތުން ރާއްޖެ އަށް ބޭނުންވާ ބަދަލު ގެނެސްދެވޭ ވަރުގެ ބޭފުޅެއް އަދި ނުފެންނަ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"ވޭތުވެދިޔަ 15 އަހަރު ދުވަސް ވަންދެން އެއް ވާހަކައެއް، އެއް ގޮތެއްގައި ދައްކާ، އެއް މިސްރާބަކަށް ދަތުރުކުރި ދެވަނަ ސިޔާސީ މީހެއް ނުހުންނާނެ އަޅުގަނޑު ނޫނީޔާ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ މުޅިން އާ ސިޔާސީ ލީޑަރަކަށް ކަމަށާއި އެގޮތުން މުއްދަތު ހަމަވެފައި ހުރި އުފެއްދުންތަކަކަށް ރައްޔިތުން ދެން ވޯޓު ނުދޭނެ ކަމަށެވެ. އެގޮތުން އެ ބޭފުޅުން ހެދުން ބަދަލުކޮށް، މޭކަޕްކޮށްގެން އަދި އާ ލަވަ ހިފައިގެން އަޔަސް ރައްޔިތުން ދެން ވޯޓު ނުދޭނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"ކުރިން ވެރިކަން ކޮށްފައި ތިބި ބޭފުޅުންނަށް ދެން ނުލިބޭނެ ވެރިކަމެއް. އެ ބޭފުޅުންނަށް ލަވަ ކިޔުއްވޭނީ" އުމަރު ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އުމަރު އިއުލާން ކުރައްވާފައިވާއިރު، އެ އިންތިހާބުގައި އޭނާ ވާދަކުރެއްވުމަށް ނިންމަވާފައިވަނީ އަމިއްލަ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ