ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް ޕީޕީއެމްއިން ފުރުސަތު ހުޅުވާލައިިފި

މިއަންނަ ފެބްރުއަރީ 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕީޕީއެމް އާއި ޕީއެންސީގެ އެތެރޭގެ ޕްރައިމަރީ އެއް ބޭއްވުމަށް ނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީޕީއެމްއިން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ނަމުގައި ވާދަ ކުރަން އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން ޑިސެމްބަރު 26 ގެ މެންދުރު ފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ފޯކައިދޫގެ އިތުރުން މާލޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ޑިސެމްބަރު 21 ފެށިގެން ޑިސެމްބަރު 23 ވަނަ ދުވަހުގެ މެންދުރުފަހު 3 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް ޕީޕީއެމް އިން ބުނެއެވެ.
އެހެންކަމުން މަޖިލިސް މެންބަރެއްގެ ޝަރުތު ފުރިހަމަވާ އެ ކޯލިޝަނަށް ނިސްބަތްވާ ޕީޕީއެމް އަދި ޕީއެންސީގެ ޑިސެމްބަރު 20 އާއި ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ ތެރެއިން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބައި އިލެކްޝަންގައި ޕާޓީ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށަހަޅާ ފޯމު ޕާޓީ އޮފީހަށް ހުށަހެޅުއްވުމަށް ޕީޕީއެމް އިން އެދިފައި ވެއެވެ.
ފޯމާއިއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފުރިހަމަ ކުރުމަށް ފަހު އެ ތަކެތިވެސް ހުށަހެޅުމަށް ވެސް ޕީޕީއެމް އިން އެދެއެވެ. އެ ޕްރައިމަރީގައި ވޯޓު ލެވޭނީ ޑިސެމްބަރު 20 އާ ހަމައަށް ޕީޕީއެމް އާއި ޕީއެންސީން ކުރެ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ޕީޕީއެމް އިން ބުނެއެވެ.
ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރާނެކަން މިހާތަނަށް އިއުލާން ކޮށްފައި ވަނީ ތިން ޕާޓީއަކުންނެވެ. އެއީ ޕީޕީއެމްގެ އިތުރުން އެމްޑީޕީ އާއި އެމްއެންޕީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ