ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްއެންޕީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ އެ ބަލީގައި ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމައިފަ އެވެ.
އެމްއެންޕީން ބުނީ، އެޕާޓީގެ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 5:00ގެ ކުރިން އެމްއެންޕީގެ އޮފީހަށް ހުށަހަޅަން އެދޭ ކަމަށެވެ. ނުވަތަ އެމްއެންޕީގެ އީމެއިލް admin@mnp.mv އަށް އީމެއިލް ކުރެވޭނެ ކަމަށް ބުންޏެވެ.
އެމްއެންޕީން ބުނީ، އެޕާޓީގެ ފަރާތުން އިންތިހާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއްގައި، ވޯޓްލުން ކުރިއަށްދާނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ހެނދުނު 10:00 ން ހަވީރު 17:00 އަށް ކޮމަންޑޫ ދާއިރާގެ ރަށްރަށުގެ އިތުރުން މާލޭގެ އެމްއެންޕީ އޮފީހުގައި ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްއެންޕީގެ އިތުރުން ދެން ވާދަކުރާނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާއި އިދިކޮޅު މައި ޕާޓީ، ޕީޕީއެމެވެ. އެ ދެޕާޓީންވެސް ވަނީ ޓިކެޓު ހޯދުމަށް އެކަމަށް ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ