ކޮވިޑު-19 އަށް ރައްކާތެރިވާ އާލާތްތައް ހަމައަށް ނެތް އިރު ފުލުހުންނަށް އެންމެ މުހިންމީ ކަރަންޓު ބަޑިތޯ؟: މޮސްޓާ

ފުލުހުންނަށް ކަރަންޓު ބަޑި ދޭން އުޅޭތީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. މިގޮތުން މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑު-19 އަށް ރައްކާތެރިވުމަށް ބޭނުންވާ އާލަތްތައް ހަމަޔަށް ފުލުހުންގެ އަތުގައި ނެތް އިރު، ފުލުހުންނަށް މިވަގުތު އެންމެ މުހިންމީ ކަރަންޓު ބަޑިތޯ ސުވާލު ކުރައްވާފައެވެ. އަދި ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންނާއި، ސިފައިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މޮސްޓާ ވަނީ ސަރުކާރަށް ގޮވާލާފައެވެ. މީގެ އިތުރުން މޮސްޓާ ވަނީ، މިފަދަ ހަތިޔާރެއް ކުއްލިއަކަށް ފުލުހުންނަށް ދޭން ނިންމުމުން ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. "މިހާރުވެސް ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރޭ. އެހެން ކަމަށް ވާއިރު، ފުލުހުންނަށް ކަރަންޓު ބަޑި ދިނުމަކީ މައުސޫމް ރައްޔިތުންތަކެއް ނުރައްކަލަށް ހުށަހެޅިގެން ދާނެ ކަމެއް" މޮސްޓާ ވިދާޅުވިއެވެ. އަދި ބޭރު ޤައުމުތަކުގައިވެސް ކަރަންޓު ބަޑީގެ ސަބަބުން މީހުން މަރުވެފައި ވެސް އެބަހުރި ކަމަށާއި އެފަދަ ނިންމުމެއް ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ފުލުހުންނަށް ނިންމިގެން ނުވާނެ ކަމަށް މޮސްޓާ ވިދާޅުވިއެވެ. އަދި އެކަމަކީ އިންތިހާއަށް ދިވެހި ރައްޔިތުންވެސް ކަންބޮޑުވާ މައްސަލައެއް ކަމަށް މޮސްޓާ ވިދާޅުވިއެވެ. ފުލުހުންނަށް ކަރަންޓު ބަޑި ދޭން ނިންމުމާއި ގުޅިގެން ވަރަށް ގިނަ އާންމުންވެސް ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ