ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ވިލާގެ ރަށްތައް ދޫކުރަން ތައްޔާރުވެއްޖެ

ވިލާ ގުރޫޕަށް ދޫކުރި ރަށްތަކުގެ އެއްބަސްވުންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ މިހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ގުޅޭ ވުޒާރަތަކާ ގުޅިގެން އެ މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތުން ސެޓްލްމަންޓްގެ ދަށުން އެއްވެސް ގޮތެއް ޓޫރިޒަމް މިނިސްޓްރީން ނިންމާނީ ރައީސް އޮފީހާއި، ބަންޑާރަނައިބްގެ އޮފީހާއި، ފިނޭންސް މިނިސްޓްރީއާއި، ޕްލޭނިން މިނިސްޓްރީގެ ލަފައާއި މަޝްވަރާ ހޯދައިގެން ކަމަށްވެސް މިބަޔާން ނިންމާލަމުން ވަނީ ބުނެފަ އެވެ.
ތިން ރަށަކާއި ދެ ފަޅަކާ ގުޅޭގޮތުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުން ދައުލަތުން އުވާލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ، ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް މައްސަލަ ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ.
ވިލާއަށް ދީފައިވަނިކޮށް ސަރުކާރަށް ނަގާފައިވާ ތިން ރަށަކީ ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އެވެ. ވިލާއަށް ދީފައިވަނިކޮށް ސަރުކާރަށް ނަގާފައިވާ ދެ ފަޅަކީ ކ. މާދިއްގަރުފަޅާއި، ކ. ބޮލިދުއްފަރުފަޅެވެ. މިތަންތަނުގެ އެއްބަސްވުން ބާތިލްކޮށް މިތަންތަން ދައުލަތަށް ނެގިކަން ސަރުކާރުން ވިލާ އަށް އެންގީ 2015 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ސުޕްރީމް ކޯޓުގައި ވާހަކަދައްކަވަމުން ވިލާގެ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު ވިދާޅުވީ ތިން ރަށާއި ދެ ފަޅުގެ މައްސަލާގައި އެއްބަސްވުމާ ޚިލާފުވީ ވެސް އަދި ސިޔާސީ މަގުސަދެއްގައި ރަށްތައް އަތުލީ ވެސް ދައުލަތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ