ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރެވެ. ކްރިމިނަލް ކޯޓުން އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ޣައިރު ހާޒިރުގައި އެހުކުމް އިއްވީ އެމަނިކުފާނު އާލާސްކަންފުޅާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ހިންގި ތަހުގީގާއި ޝަރީއަތުގެ މަރުހަލާގެ ކުރިންވެސް އެމަނިކުފާނު އުޅުއްވީ އާލާސްކަންފުޅާއެވެ. އަދި އެތައް ދުވަހެއް ވަންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން އެމަނިކުފާނުގެ އާލާސްކަންފުޅު އިތުރަށް ބޮޑުވެގެންދިޔައެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދެމުންދިޔަ ނަމަވެސް އެތައް ދުވަހެއް ވަންދެން ބޭސްފަރުވާއިން މަހުރޫމްވާން ޖެހުނީ ސަރުކާރުން އެކަމަށް ހުރަސްއެޅުމުންނެވެ. އާލާސްކަންފުޅު މާބޮޑަށް ގޯސްވުމުން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓަށް ވެސް ވަޑައިގަތެވެ. އޭރު އެމަނިކުފާނުގެ މައްޗަށް އެއްވެސް ކޯޓަކުން ހުކުމެއް އިއްވާފައި ނުވި ނަމަވެސް ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރީއެވެ.
ގާސިމް އިބްރާހީމް އާންމު ތަނެއްގައި ޓީވީތަކުން ވަގުތުން ދައްކަމުންދިޔަ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ރިޝްވަތު ހުށަހެޅުމުގެ ދައުވާ އުފުލައި ހިންގި ޝަރީއަތުގެ މަޖިލީސްތަކުގައި ފަނޑިޔާރުންގެ ކުރިފުޅުމަތީވެސް ބޭސްފަރުވާއަށް އެދިވަޑައިގެން އެތައް އާދޭހެއް ކުރެއްވިއެވެ. ނަމަވެސް ދައުލަތުން އެފުރުސަތު ނުދީ އޮތުމަށްފަހު އެންމެ ފަހުން ކްރިމިނަލް ކޯޓުން އިއްވި ހުމުގައި ވަނީ އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރު ކޮށްފައެވެ. އެއަމުރަށް ވެސް ސަރުކާރުން ތަބާނުވެ އެތައް ދުވަހެއް ވަންދެން އެމަނިކުފާނު ނުފޮނުވައި ހިފެހެއްޓިއެވެ. އެތައް ރައްޔިތަކަށް ބޭސްފަރުވާ ހޯދައިދިނުމުގައި މަދަދުގާރަކަށްވި ގާސިމް އިބްރާހީމް ބޭސްފަރުވާއަށް އެންމެ ބޭނުންފުޅުވި ހިނދު އެކަމުން އެމަނިކުފާނު މަހުރޫމް ކުރުމުން އެތައް އާންމު ރައްޔިތަކާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމްއިއްޔާތަކުގެ ގޮވާލުމާއެކު، ސަރުކާރަށް ގޮތްހުސްވެ އެންމެ ފަހުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ދިނެވެ.
ސަރުކާރުން ދިން ހުއްދައާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ވަޑައިގަތީ ސިންގަޕޫރަށެވެ. އޭގެ ފަހުން ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އިތުރު ފަރުވާއަށް ޖަރުމަންވިލާތަށް ވަޑައިގެން މިހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހުންނެވީ އެގައުމުގައެވެ.
ކުރިމަތިވެވަޑައިގެންފައިވާ މަޖުބޫރީ ހާލަތުގެ ސަބަބުން އެނބުރި ގައުމަށް ވަޑައިނުގެން އަހަރު ދުވަސް ހުންނެވުމަށްފަހު މިމަހުގެ 4 ވަނަ ދުވަހު މެންދުރުފަހު ގާސިމް އިބްރާހީމް ގައުމަށް ވަޑައިގަތީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށް ހައިކޯޓުން އަމުރު ކުރުމުންނެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ހިންގި ތަހުގީގާއި، އުފުލި ދައުވާއާއި، އިއްވި ހުކުމަކީ ވެސް ބާތިލް އެއްޗެއް ކަމަށް ފުންނާބުއުސް އެތައް ގާނޫނީ ވަކީލުންނެއް ވިދާޅުވެފައިވާއިރު، ފާއިތުވެދިޔަ އެއް އަހަރު ތެރޭ ވަނީ އެމަނިކުފާނަށް އެތައް ހައްގެއް ގެއްލިގެންގޮސްފައެވެ. އަދި އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ދޮށީ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް ވެސް ހައްޔަރުކޮށް، އެތައް ދުވަހެއް ވަންދެން ވަނީ ޖަލުގައި ބައިންދާފައެވެ.
ގާސިމް އިބްރާހީމް ގައުމުން ބޭރުގައި ހޭދަކުރެއްވި މުއްދަތުގައި އެންމެ ބޮޑު ފަޅުކަމެއް، އަދި އެންމެ ބޮޑު ވޭނެއް އިހުސާސް ކުރީ އެމަނިކުފާނުގެ އާއިލާކަން ކަށަވަރެވެ. ޚާއްސަކޮށް އެމަނިކުފާނުގެ ތުއްތުތުއްތު ކުދިން ބައްޕަ ހަމަލޮލަށް ދެކިލުމުގެ ހައްގުން މަހުރޫމުވެ ހޭދަކޮށްފައިވަނީ ވޭނީ ދުވަސްތަކެކެވެ. އާއިލާއަށް ދިމާވި މިހިތްދަތިކަން ނިމުމަކަށް އައިސްފައިމިވަނީ އެމަނިކުފާނު އެނބުރި ވަޑައިގަތުމުންނެވެ.
އަހަރު ދުވަސް ފަހުން ގާސިމް އިބްރާހީމް ސްކޫލަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ