ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރުދާއިރާގެ މެމްބަރު ޢަބުދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިދޫކޮށްލައްވައި އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރައްވައިފިއެެވެ.
އައު ސަރުކާރުގެ އިންތިޤާލީ ކޮމެޓީތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އިބުރާހިމް މުހައްމަދު ޞާލިޙް ރައީސް ކަމުގެ ހުވާ ކުރައްވާ ދުވަހު، މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ، އަދި އިުރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ޚިދުމަތް ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގެންފި ނަމަ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ މަޤާމުގައި ހުންނަަވައިގެން ޓްރާންސިޝަން މަރުހަލާގައި އިސްބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާާޅު ކުރަމުން ގެންދާ ކަމަށެެވެ.
"އެހެން ވީމާ ރާއްޖޭގެ މީޑިއާ މެދުވެރިކޮށް އަޅުގަނޑު ދަންނަވާލަން އިބުރާހިމް މުހައްމަދު ސާލިހުގެ އައު ސަރުކާރު އުފެއްދެވުމާއި އެކު އަޅުގަނޑު ރައްޔިތުންގެ މަޖިލީހުން އިސްތިއުފާދީ، އެމަނިކުފާނުގެ އެއައު ސަރުކާރުގެ ޚިދުމަތުގައި އަޅުގަނޑު ހުންނާނެ ކަމަށް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިދިޔަ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުމަށް ރައްޔިތުން ދެއްވި ފުރުސަތަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި 1995 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙާއި އެކުގައި ކަންވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް މައުމޫނުގެ ދައުރުގައި ޚާރިޖިއްޔާގެ ވަޒީރުގެ ގޮތުގައި ރައީސް މައުމޫނުގެ ކެބިނެޓުގައިވެސް މަސައްކަތްޕުޅު ކުރެއްވި ޢަބުދުﷲ ޝާހިދަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ދިގު މުއްދަތެއް ވަންދެން ފުރުއްވާފައިވާ ބޭފުޅެކެވެ. ރައީސް މައުމޫނު އުފެއްދެވި ސިޔާސީ ޕާޓީ ޑީއާރްޕީގައިވެސް އިސްމަޤާމުތަކެއް ފުރުއްވި ޝާހިދު، އެމްޑީޕީ އާއި ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގައި ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ގޮނޑިފުރުއްވައި އަދި މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައިވެސް ހުންނެވި ދުވަސް ވަރުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވުމަށް ޝާހިދު ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ