ހެނދުނުގެ ނާސްތާ ދިނުމަށާއި މަތީ ތައުލީމު ހިލޭ ދިނުމަށް ބަޖެޓުގައި ފައިސާ ހިމަނައިފި

ކޮންމެ ދިވެއްސަކަށް މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލުމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުގެ ދަށުން ރާއްޖޭގައި ފުރަތަމަ ޑިގްރީ ހާސިލްކުރާ ފަރާތްތަކަށް ކިޔެވުމަށް ހިނގާ ޓިއުޝަން ފީގެ ހަަރަދު ދައުލަތުން ހަމަޖެއްސުމުގެ ގޮތުން 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ފުރަތަަމަ ޑިގްރީއާ ހަމައަށް ރާއްޖެއިން ކިޔެވުމަށް ހިނގާ ހަރަދު ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ނިންމުމާއެކު، އެކަމަށް ހިނގާ ހަރަދުގެ ގޮތުގައި 50 މިލިއަން ރުފިޔާ ހިމަނާފަ އެވެ. މިއަދަދު 2020 އަދި 2021 ވަނަ އަހަރު 175 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.
ޖީސީއީ އޭލެވަލްގެ އެއްވަަނަ ލިބޭ ހުރިހާ ދަރިވަރުންނަށް އެ ދަރިވަރަކު ހިޔާރުކުރާ ގައުމަކުން އަދި ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ދިނުމަށް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާތީ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ މިކަމަށް ހަރަދުކުރުމަށް 40 މިލިއަން ރުފިޔާވެސް ހިމަނާފަ އެވެ. މިސްކޮލަޝިޕްގެ ދަށުން ކޮންމެ ދަރިވަރަކަށް ކިޔެވުމުގެ ހަރަދާއި ސްޓައިޕެންޑް ހަމަޖައްސައިދިނުމަށް ވެސް ނިންމާފަ އެވެ.
ގުޅިފައިވާ އިއްތިހާދުގެ ސަރުކާރެއްގައި ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދައުލަތުން ހަމަޖައްސައިދިނުމަށް ވައުދުވެފައިވާތީ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ މިކަމަށްވެސް ފައިސާ ހިމަނާފަ އެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމު ފެށުމަށްޓަކައި ބަޖެޓުގައި ވަނީ 50 މިލިއަން ރުފިޔާ ހިމަނާފަ އެވެ. މިއީ ޕްރޮގްރާމު ރާވާ ހިންގާނެ ގޮތް ރޭވުމަށްފަހު އަހަރުގެ ފަހުކޮޅުގައި ޕްރޮގްރާމު ފެށޭނެ ކަމަށް ބަލައި ހަދާފައިވާ އަންދާޒާއެއް ކަމަށްވެސް ބަޖެޓުގައި ބުނެފައިވެ އެވެ. މިއަދަދު 2020 އަދި 2021 ވަނަ އަހަރު 264 މިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
މީގެއިތުރުން ޑޮކްޓަރުން ބިނާކުރުމަށް ހާއްސަކޮށްގެން ސްކޮލަޝިޕްތަކެއް ދިނުމަށް ނިންމާފައިވާތީ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 24.7 މިލިއަން ރުފިޔާ މިކަމަށް ހަރަދުކުުރުމަށް ނިންމާފަ އެވެ. މިސްކޮލަޝިޕްގެ ދަށުން ދަރިވަރުންނަށް ދެވޭނީ ޓިއުޝަން ފީއަށް ކުރާ ހަރަދު ކަމަށްވެސް ބަޖެޓުގައި ބުނެފައިވެ އެވެ. ޑޮކްޓަރުން ބިނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަހަރަކު 60 އެމްބީބީއެސް ޑޮކްޓަރުން އަދި 25 ސްޕެޝަލިސްޓް ޑޮކްޓަރުން ބިނާކުރުމަށް ވަނީ ނިންމާފަ އެވެ.
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ އިންޓަރިމް ކޮމިޓީގެ ބޭފުޅުން މިއަދު ވިދާޅުވީ ތައުލީމީ ދާއިރާގެ ތެރެއިން ވައުދު ފުއްދުމަށް ބަޖެޓުގައި ޖަހާފައިވާ އަދަދުތަކަކީ ހަގީގީ އަދަދުތަކަށް ހެދުމަށާއި ވައުދު ފުއްދުމަށް ޖަހާފައި ހުރި އަދަދުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ވައުދު ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހަރަދުކުރާނެ ގޮތް މުޅިން ފައިނަލް ވެގެންދާނީ އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވުމަށްފަހު ސަރުކާރުގެ ހަރަދުތައް ހުރި ގޮތް އެނގުމުން ކަމަށްވެސް އިންޓަރިމް ކޮމިޓީގެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ