"ފ" އަތޮޅު އެއްކޮށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހި ސަރުކާރުން ވިއްކާލުމަށް ނިންމާފައިވާ ކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރިފައިވާތީ އެކަމުގެ ހަގީގަތް ސާފުކޮށްދެއްވުމަށް ވެރިކަންުކުރާ ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބުުދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިކަމަށް އެދިވަޑައިގަތީ މިއަދު އެމަނިކްފާނުގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އަތޮޅެއް ކަމަށްވާ "ފ" އަތޮޅު އެއްކޮށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހި ސަރުކާރުން ވިއްކާލުމަށް ނިންމާފައިވާ ކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރިފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ "ފ" އަތޮޅަށް އެންމެ ފަހުން ކުރެއްވި ދަތުރު ފުޅުގައި، އެއަތޮޅުގެ ރައްޔިތުންނާ މުހާތަބުކޮށް ސައޫދީ ސަރުކާރުގެ ވިޔަފާރީގެ ބޮޑު މަޝްރޫޢެއް "ފ" އަތޮޅުގައި ހިންގަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް މި ޕްރޮޖެކްޓާއި ބެހޭ އިތުރު އެހެން އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވާކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނިކޮށް، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު އަންނަމަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު މީޑިއާއިން ލިބިފައިވާކަމަށާ މީޑިއާގައި މިހާރު އެންމެ ބާރަށް ދަޢުރުވަމުންދާ އެއް ވާހަކައަކީ ދިވެހި ސަރުކާރުން "ފ" އަތޮޅު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭ ކަމުގެ ހަބަރުތަކެއްކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެެއެވެ.
ރައީސް މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ބިމުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ވިއްކާ އަދި އެތަނަކުން މާލީ ފައިދާ ދާއިމަށް ބޭރުގެ ފަރާތްތަކަށް ލިބުމަކީ ދިވެހި ރައްޔިތުން އެދޭނެ ކަމެއްނޫންކަމަށާ ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި ރައްކާތެރިކަމާއި ގުޅިފައިވާ މިކަހަލަ މަޝްރޫއުތަކުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ސަރުކާރަށް ލާޒިމު ކަމެއްކަމަށެވެ.
އަދި "ފ" އަތޮޅުގެ މިމަޝްރޫއުއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ސާފު ނުވާތީ އެ އަތޮޅުގެ ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންކަމަށާ އެހެންކަމުން މިކަމުގެ ސައްހަމައުލޫމާތު ދިވެހި ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދެއްވުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖޭގެ މިލްކުވެރި ކަމުގެ ދަށުގައިވާ އެއްވެސް ތަނެއް، ބޮޑެތި އިގްތިސާދީ މަޝްރޫއުތަކުގެ ނަމުގައި، ބޭރުގެ އެކިއެކި ފަރާތް ތަކަށް ވިއްކައި އޭގެ މާލީ ނަފާ އެފަރާތްތަކަށް ދާއިމަށް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އެއްވެސް ސަރުކާރަކުން ކޮށްގެން ވާނެ ކަމެއް ނޫންކަމަށް މައުމޫން ވިދާޅުވިއެވެ. އަދި މިކަހަލަ މަޝްރޫއު ތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މުސްތަގްބަލު ބަނަވެ އަންނަން އޮތްޖީލުތަކަށް ފޫނުބެއްދޭވަރުގެ ގެއްލުމެއްވާނެ ފަދަ އެއްވެސް ކަމެއް ޕީޕީއެމް ގެ ސަރުކާރަކުން ކޮށްގެން ނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް ބޭރުގެ އެކިއެކި ނުފޫޒުތަކުން އެއްކިބައިވެފައިވާ މިނިވަން ގައުމެއްގޮތުގައި ދިވެހިރާއްޖެ ދަމަހައްޓާނެ ކަމަށް އުއްމީދުކުރައްވާކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަށް މަޖިލީހަށް ހުށަހެޅުމާއެކު، ދިވެހިރާއްޖެގެ ބިން މިލްކު ކުރުމުގެ ހައްގު ބޭރުގެ ފަރާތް ތަކަށް ދޫކުރުމަކީ ދިވެހިރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ދެރަގޮތްތަކެއް ކުރިމަތިވެދާނެކަމެއް ކަމަށާއި، މި މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯއްދެވުމުގެ އާންމު ވޯޓެއް ނެންގެވުމަށް ފެނިވަޑައިގަންނަވާކަމަށް ރައީސް ޔާމީނަށް ސިޓީއަކުން ދަންނަވާފައިވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގާނޫނު އަސާސީގެ ރޫހާ ހިލާފަށް، އަދި އެޕާޓީގެ 2013 ގެ ގައުމީ ޖަލްސާއިން ޕާޓީގެ އާންމު މެންބަރުން ފާސްކުރައްވާފައިވާ ޤަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނެވުނު އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ގިނަ މެންބަރުންގެ ވޯޓާއިއެކު ފާސްކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީ އަށް ބޮޑެތި އެތައް ބަދަލުތަކެއް ގެނެސް ފާސްކުރިއިރު ޕީޕީއެމްގެ ކައުންސިލާއި މަޝްވަރާއެއް ނުކުރަށްވާކަމަށާ ޕީޕީއެމް ޕީ.ޖީ ގްރޫޕުންވެސް ޕާޓީގެ ރައީސްގެ އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެ އަދި ޕާޓީގެ ރައީސްގެ އެއްވެސް ސިޓީފުޅަކަށް ޖަވާބެއްވެސް ނުދެއްވާކަމަށް ވަނީ ވިދާޅުވެފައެވެ.
ފ އަތޮޅަށް ހަދަން އުޅޭގޮތެއް ސާފުކޮށްދޭން މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ