މަސީހުގެ އިތުބާރުނެތް މައްސަލައަށް މައުމޫން ތާއީދު ކުރައްވައިފި

ގިނަ ޕާޓީތައް ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި މައްސަލައަށް ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގިނަ ޕާޓީތައް ގުޅިގެން މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ އަށް ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ތާއީދު ކުރާ ކަމަށެވެ. އަދި މިއީ އިސްލާހީ ހަރަކާތަށް ވަރަށް މުހިންމު ނިންމުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 26 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ 43 މެންބަރުންގެ ތާއީދު ލިބިގެންނެވެ. ނަމަވެސް މަޖިލީހުގެ ރައީސް މަސީހް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް އެމްޑީއޭ ކޯލިޝަންގައި 50 އަށް ވުރެ މެންބަރުން ހިމެނޭތީ މައްސަލަ ހުށަހެޅުއްވި މެންބަރުން ބޭނުންވާ ގޮތަށް މައްސަލަ ނިންމުމަކީ ވަރަށް ނާދިރު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ