ޒިންމާދާރު ރައްޔިތުން ބިނާކުރުމަށް ރ. އަތޮޅުގައި ފެށި މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.
ހޯމް މިނިސްޓްރީން ބޭއްވި މި ބައްދަލުވުން ރ. އުގޫފާރުގައި ފެށީ ބުދަ ދުވަހުއެވެ.
އުނގޫފާރުގައި ބާއްވާފައިވަނީ ޒިންމާދާރު ރައްޔިތުން ބިނާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ސިލްސިލާގެ 12 ވަނަ ބައްދަލުވުމެވެ. މުޅި ރ.އަތޮޅަށް އަމާޒުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ރ. އަތޮޅު ކައުންސިލް މެމްބަރުންނާއި، ރ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ މެމްބަރުންނާއި، ޒިންމާދާރުވެރިންގެ އިތުރަށް ޖަމްއިއްޔާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންވެސް ބައިވެރިވެފައި ވެއެވެ. ބައްދަލުވުން ނިންމާލާފައިވާއިރު ބައްދަލުވުމުގެ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ވެސް ދީފައެވެ.
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ހަތަރު ލައްކަ މީހުން ދިރިއުޅޭ މި ކުޑަކުޑަ ގައުމާމެދު މި ގައުމުގެ ކޮންމެ މީހަކުވެސް ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގައުމަށްޓަކައި ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ވަރަށް ގިނަ ޒިންމާތަކެއް އެބަހުރިކަން ކޮންމެ މީހަކުވެސް ގަބޫލުކުރަން ޖެހޭ ކަމަށާއި ޒިންމާތައް އަދާކުރެވޭތޯ ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ ތަރައްގީއާއި ކުރިއެރުމަކީ މި ޒިންމާތަކުގެ މައްޗަަށް ބިނާވެގެންވާ އެއްޗެއް ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވަނީ މޯލްޑިވްސް ޕޮލިސް ސާވިސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް، ނެޝަނަލް ޑްރަގް އެޖެންސީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ހެލްތު، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ބޭފުޅުންނެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ ސިލްސިލާ މި ބައްދަލުވުންތަކުގެ މަގުސަދަކީ އަމާން ވެއްޓެއް ގާއިމުކުރުމާއި، ރައްޔިތުން ޒިންމާދާރު ބަޔަކަށް ހެދުމާއި، ފަރުދީ ޒިންމާ ނަގަން ހިތްވަރުދީ، ރަށާއި އަތޮޅު ފެންވަރުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.
ޒިންމާދާރު ރައްޔިތުން ބިނާކުރުމަށް ރ. އަތޮޅުގައި ފެށި ބައްދަލުވުން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ