ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ދައުވާލިބޭ ހެންވޭރު ހިކޯސްޓް އަލީ ޝާންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ހުކުމް އަންނަ މަހުގެ 7 ވަނަ ދުވަހު އިއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ބޭއްވުނު އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ މިމައްސަލާގައި ދެފަރާތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނަގާ ނިމި މިމަހުގެ 28 ވަނަ ދުވަހު މިމައްސަލާގައި ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ އަލީ ޝާންގެ ފަރާތުން ހުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޝާންގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ހެއްކެއްގެ ހެކިބަސް ނެގުން އޮތެވެ. ހެކިބަސް ދެމުން އެމީހާ ބުނީ އަފްރާމްޝީމް އަވަހާރަކޮށްލި ވަގުތު ޝާން އިނީ ކުރީގެ ޖަލަޕީނޯ ރެސްޓޯރަންޓްގައި ކޮފީއެއްގައި ކަމަށެވެ.
އޭނާ ބުނީ އެރޭ އެތަނުގައި ކޮފީ ބޯން އިނދެފައި އެތަނުގައި އިން އެހެން މީހަކާ އެކު އަލީ ޝާންގެ ސައިކަލްގައި ބުރެއް ޖަހާލަން ދިޔަ ކަމަށާއި އަނބުރާ ޖަލަޕީނޯއަށް އައީ އެތަން ބަންދު ކުރި ފަހުން އެރޭ 01:10 ހާއިރު ކަމަށެވެ.
އަދި އޭގެ ފަހުން 01:30 ހާއިރު ޑޮލްފިން ކެފޭއަށް ދިޔަކަމަށާއި އެތަނުގައި އިންދާ އަފްރާޝީމަށް ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލާފައިވާކަން އެނގުނު ކަމަށް ވެސް އޭނާ ހެކި ބަސް ދެމުން ބުންޏެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޝާންގެ ދިފާއީ ވަކީލުން ވެސް ހެކި ބަސް ދީފައިވަނީ މިގޮތަށެވެ.
ޝާންގެ ދިފާއީ ހެކިންގެ ގޮތުން ޖުމްލަ ފަސް މީހަކު ހެކިބަސް ދީފައިވާއިރު، ދައުލަތުގެ ފަރާތުން ޝާންއާ ދެކޮޅަށް ހެކިބަސް ދީފައިވަނީ އެންމެ މީހެކެވެ. އެމީހާ ބުނީ އަފްރާޝީމް ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގޭގެ ސިޑި ކައިރީގައި އަފްރާޝީމް އަވަހާރަކޮށްލި ވަގުތު ލޭހޭކިފައި އޮތް ވަޅިއެއް ހިފައިގެން ޝާން އެތަނުގައި ހުއްޓާ އޭނާއަށް ފެނިފައިވާ ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލުމާއި ގުޅިގެން ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެ ކުށް ސާބިތުވާތީ އޭނާ މެރުމަށް މިދިޔަ ޖެނުއަރީ މަހު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޝާންގެ މައްސަލަ އަންނަ މަހު 7 ގައި ނިންމައި ހުކުމް ކުރާނެ - ގާޒީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ