މަރުގެ އަދަބު ފަސްކުރަން ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

މަރުގެ އަދަބު ފަސްކުރަން ހައި ކޯޓުން އިއްޔެ ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
ސުޕްރީމް ކޯޓުން ރޭ ދަންވަރު ނެރުނު އަމުރުގައި ބުނެފައިވަނީ ދެ މީހަކު މެރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީއާއި، އެއީ ޝަރުއީ މަރުހަލާގެ އެންމެ މަތީ ކޯޓުން ނިންމާފައިވާ ނިންމުމަކަށްވާތީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެހެންވެ ހައި ކޯޓުން ކުރި އަމުރަކީ އޭގެ ޒާތުގައި ވެސް ބާތިލް، އަދި ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއް ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދުސްތޫރީ ހައިސިއްޔަތާ މެދު އެއްވެސް ކޯޓެއްގައި ގާނޫނީ ގޮތުން ގޮންޖެހޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީބުނެފައެވެ. އަދި އެ ގަވާއިދާ މެދު ޗެލެންޖުކޮށް، އެ މައްސަލަ ހައި ކޯޓަށް ބަލައިގަނެ، އެ ގަވާއިދުގެ ބައެއް ތަންފީޒު ކުރުން ހުއްޓުވި ހުއްޓުވުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
"... ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ މައްޗަށް ރިއާޔަތްކޮށް، ހައި ކޯޓުގެ 2016/HC-DM/01 ގަޒިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް، އެކަން ހައި ކޯޓަށާއި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
ހައި ކޯޓުން އިއްޔެ ހަވީރު އަމުރު ނެރުނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގެ ބައެއް މާއްދާތައް ބާތިލްކުރަން ހުށަހެޅި މައްސަލައިގަ އެވެ. އަމުރުގައި ވަނީ އެ މައްސަލަ ނިމެންދެން އެ ގަވާއިދުގެ ދަށުން މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަންޖެހޭނެ ކަމަށް އެ މައްސަލަ ބަލާ ތިން ފަނޑިޔާރުންނަށް އެއްބަސްވެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ