ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ހިލާފަށް ޕީޕީއެމްގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން ވޯޓް ދެއްވި މައްސަލާގައި އޭނާއަށް ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ރައީސް އަދި ފާރިޝްގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައިފި އެވެ.
ފާރިޝްއަށް ފިޔަވަޅު އެޅުމާ ދެކޮޅުކަން ރައީސް މައުމޫން ހާމަކުރެއްވީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު، މައުމޫނަށް ފޮނުއްވި ސިޓީއަކާއި ގުޅިގެން މައުމޫން ދެއްވެވި ޖަވާބުގަ އެވެ.
ރައީސް މައުމޫނަށް ނިހާން ފޮނުއްވި ސިޓީގައި އިއުލާންކުރުމެއް ނެތި އަދި ބިޑް ކުރުމެއް ވެސް ނެތި ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން އޭނާ ހުށަހެޅުއްވި އިސްލާހު ފާސްކުރަން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ތްރީލައިންވިޕް ނެރެފައިވަނިކޮށް އެ ނިންމުމާ ދެކޮޅަށް ފާރިޝް ވޯޓް ދެއްވާފައިވާތީ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވައިދެއްވާ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން އޭނާ ވަކިކުރެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.
މިސިޓީގެ ޖަވާބުގައި މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފާރިޝް މައުމޫން ފިޔަވަޅު އަޅަން ސުލޫކް ކޮމިޓީއަށް ފޮނުވުމަކީ އިންސާފުގެ ހަމަތަކާއި ހިލާފު ކަމެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ޓޫރިޒަމް އިސްލާހަށް ފާރިޝް ވޯޓް ދެއްވީ ޕާޓީގެ ރައީސް އެންގެވި ގޮތަށް ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ޕާޓީގެ ޕީޖީ ގުރޫޕްގެ ނިންމުމާ ފާރިޝް ހިލާފުވި ނަމަވެސް އެއީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
މައުމޫންގެ ސިޓީގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުންތަކާއި ދެކޮޅަށް މީގެ ކުރިންވެސް ބައެއް މެންބަރުން ވޯޓް ދެއްވާފައިވާ ކަމާއި އެކަމަކު އެފަަދަ ބައެއް ބޭފުޅުންނަށް ފިޔަވަޅު އެޅުމެއްނެތި ފާރިޝްއަށް ފިޔަވަޅު އަޅަން އޭނާގެ މައްސަލަ ސުލޫކް ކޮމިޓީއަށް ފޮނުވުމަކީ އިންސާފެއް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ފާރިޝްއަށް ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން އެޕާޓީގެ ސުލޫކް ކޮމިޓީއަށް ނިހާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޖީ ގުރޫޕްގެ ވިޕްލައިނާ ފާރިޝް ހިލާފްވެފައިވާތީ އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގައި ބައިވެރިވި 30 މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ފާރިޝްއަށް ފިޔަވަޅު އަޅައިދެއްވާ އޭނާ ޕާޓީގެ ޕީޖީ ގުރޫޕުން ވަކިކޮށްދެއްވުމަށް ނިހާންގެ މިސިޓީގައިވެސް އެދިވަޑައިގެންފައިވެ އެވެެ.
ފާރިޝްއަށް ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ