ރައްޔިތުންގެ އެތައް ހާސް ބައަކު ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވާ ސަރަހައްދަށް އެއްވެ އަންގައިދިނީ ރައްޔިތުން ބޭނުންވެގެންތިބީ ތަރައްޤީކަން ކަމުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޖުނައިދު ވިދާޅުވީ އަލިމަސް ކާނިވަލަށް އެއްވި މީހުން އިށީނދެގެން ތިބީ ބްރިޖަށް ފުރަގަސްދީގެން ނަމަވެސް އެމީހުން އިށީނުމުގެ ކުރިން އެންމެ ފުރަތަމަ ބެލީ ފެނުން މައްޗަށް ހިއްލެމުން އަންނަ ބްރިޖަށް ކަމަށެވެ. ދެން އެމީހުންނަށް މުހިންމުވީ ހަމަ އެ ސަރަހައްދުގައި (އަލިމަސް ކާނިވާ ސަރަހައްދުގައި) ދާދި އަވަހަށް ބިނާކުރެވޭނެ ބިޔަ އިސްލާމީ މަރުކަޒަށް ކަމަށެވެ.
ޖުނައިދު ވިދާޅުވީ މީގެ ،3 4 އަހަރު ކުރިއަށް ބަލައިފިނަމަ ގެއްލުންވެ ފައިދާގެ ގޮތުގައި ހިއްޞާދާރުންނަށް ބަހާނެ ރުފިޔާއެއް ނެތިގެން އުޅުނު ސަރުކާރުގެ ކުންފުނިތަކުން މިހާރުގެންދަނީ ރެކޯޑް އަދަދަކަށް ފައިދާ ބަހަމުން ކަމަށާއި އަދި އެއިގެ އިތުރުން ޤައުމުގެ ތަރައްޤީއަށް ހިލޭ ސާބަހަށް ގިނަ ކަންތައްތަކެއް ވެސް ކޮށްދެމުން ކަމަށެވެ.
ޖުނައިދު ވިދާޅުވީ ތަރައްޤީގެ އެއްވެސް މަޝްރޫއެއް މިއިން ޒަމާނެއްގައި ހިންގާނެ ކަމުގެ އުންމީދެއް ނެތް ރަށްރަށުގައިވެސް މިހާރު އެގެންދަނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގަމުން ކަމަށެވެ. އެވްރެޖްކޮށްލައިފިނަމަ ތަރައްޤީގެ 3 މަޝްރޫއު ފެށިފައި ނެތް ރަށެއް މިހާރު ރާއްޖޭގައި ނެތް ކަމަށެވެ.
ޖުނައިދު ވިދާޅުވީ މިކަންކަމަކީ ސަރުކާރުން ރައްޔިތުންނަށް ދައްކާ ހުވަފެން ނޫން ކަމަށާއި ކަޑުއަޑިއަށް ޖަހަމުން ގެންދާ ކަޑަތަކެއްވެސް ނޫން ކަމަށެވެ. މިހުރިހައި ކަންކަން ރައްޔިތުންގެ ލޯތަކަށް ފެންނަމުންދާ ކަމަށާއި އަތުން ހިފައި ތަޖުރިބާކުރަމުން ވެސް ގެންދާ ކަމަށެވެ.
"އެހެންވީމާ ރައީސް ޔާމީން ގޮވައިލެއްވީމާ އެތައް ހާސް މީހުން އެއްވީ. އެތައް ހާސް މީހުންގެ ތަރްހީބު އޮހެމުން ދިއައީ. ބައަކު ކިތަންމެ ހަސަދަވެރިވި ނަމަވެސް ރައީސް ޔާމީނަށް ދެން ދާނީ ތާއީދު އިތުރުވަމުން. މަޝްރޫއުތައް ނިމޭވަރަކަށް، އަދި އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބޭ ވަރަކަށް ރައީސް ޔާމީނަށް ރައްޔިތުން އަރުވާ މާކްސް ދާނީ ހަމަ އިތުރުވަމުން. އެއީ ވާދަވެރިން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ބަދަލުކުރެވޭނެ ކަމެއް ނޫން. މިހާރު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަނީ އޭ ރިޕޯޓެއް ކަމަށްވާނަމަ 2017 ވަނަ އަހަރު ނިމޭއިރު އޭ ޕްލަސްއަކަށް ހަމަ ހަޤީޤަތުގައިވެސް ބަދަލުވެގެންދާނެ."
ޖުނައިދު ވިދާޅުވީ ވާދަވެރިން މިހާރު ދައްކަނީ ރައީސް ޔާމީނު ތާއީދު އިތުރުުކުރެއްވުމަށް ތަކެތި ބައްސަވާ ވާހަކަ ކަމަށާއި އެއީ ވަރަށް ބޮޑު ތެދެއް ކަމަށެވެ. "އެއީ ހަމަ ވަރަށް ބޮޑު ތެދެއް، ކޮންމެ ރަށެއްގައި ތަރައްޤީގެ ،2 3 މަޝްރޫއު ހިންގެވީމާ އެ ބެއްސެވެނީ ހަމަ ވަރަށް ބައިވަރު. އެކަން އޮޅުވާލަން އުޅުނު ނަމަވެސް އެކަމެއް ދެން ނުކުރެވޭނެ. ރައްޔިތުންގެ ހޭލުންތެރިކަން މާބޮޑަށް މިހާރު އިތުރުުވެއްޖެ."
ޖުނައިދު ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ފުދެމުންދާނަމަ ރައްޔިތުން އަބަދުވެސް ތިބޭނީ ސަރުކަރާއިއެކުގައި ކަމަށާއި އަދި އެއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންނަށް ބޭނުންވަނީ ވެރި މީހާއަށް ވަކި ނަމެއް ކިޔުން ނޫން ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަވުން ކަމަށެވެ.
ޖުނައިދު ވިދާޅުވީ ރައީސް ޔަމީނުގެ ފަހަތްޕުޅުގައި މިއަދު އޮތް ޓީމަކީ ޤައުމުގެ ތަރައްޤީއަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާ ޓީމެއް ކަމަށާއި އެ ޓީމު ހިންދެމިލާނީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ގެނެސްދީ ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ. ވާދަވެރިންނަށް ހަޖަމު ނުކުރެވުނު ނަމަވެސް މާތްﷲ ވާގިފުޅާއިއެކު ދިވެހިންނަކީ ފުދުންތެރި އަދި ބާރުވެރި ބައަކަށް ހެދުމަށް ފަހުގައި ކަމަށެވެ.
ރައްޔިތުން އަންގައިދިނީ ބޭނުންވެގެން ތިބީ ތަރައްޤީކަން: ޖުނައިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ