ރައީސް އަވަހަރާކޮށްލައިގެން ވެރިކަމަށް އައުމަކީ ދުވަހަކުވެސް ތާއީދުކުރާނެ ކަމެއް ނޫން: ގާސިމް

ސަރުކާރުގެ ތެރޭގައި މައްސަލަތަކެއް ހުރިނަމަ އެކަންކަން އިސްލާހުކުރުމުގެ ގޮތުން ގައުމާއި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އަބަދުވެސް ތާއީދުކުރައްވާ ކަމަށާއި އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަވަހަރާކޮށްލައިގެން ވެރިކަމާއި އެއްވެސް ބޭފުޅަކު ހަވާލުވުމަކީ ދުވަހަކުވެސް ތާއީދުކުރައްވާނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
ރައީސް އަބްދުﷲ ޔާމިންގެ ދެކަނބަލުން ދަތުރުކުރައްވަމުންގެ ގެންދެވި ރިޔާސީ ލޯންޗްކޮޅަށް ދެވުނު ހަމަލާއާއި ގުޅޭ ގޮތުން މިރޭގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ އެ ހަބަރު ލިބިވަޑައިގަތުމާއި ގުޅިގެން އެއްޗެއް ދަންނަވަން އުދަގޫވެ 30 އަކަށް މިނެޓް ބަހެއް ވިދާޅުވެ އެމަނިކުފާނަށް ހުންނަވަން ޖެހިވަޑައިގަތް ކަމަށެވެ. އެގޮތަށް ކުރިމަތިވީ މިހާދިސާގެ ނުރައްކާތެރިކަމާއި މިކަމުން މުޅި ގައުމާއި ރައްޔިތުންނަށް ލިބޭނެ ފޫނުބެއްދޭ ވަރުގެ ގެއްލުން އިހްސާސް ކުރެއްވުމުން ކަމުގައި ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނަށް އަމާޒުކޮށް ދެވުނު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި އަދި އެއީ ގައުމެއްގެ ހަޔާތުގައި ބަޔަކު ހިންގާނެ އެންމެ ހަޑިމުޑުދާރު އަމަލުތަކުގެ ތެރޭގައި ހިމެނޭ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިކަމުގައި ބައިވެރިވި މީހުންގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭނެ ކަމަށާއި މުޅި ގައުމުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިއީ ކުރަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
"މިކަމަކީ ވަރަށް ބޮޑު ކަމެއް. ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ކަމުގައިވީނަމަވެސް އެމަނިކުފާނުގެ މަސްއޫލިއްޔަަތެއް މި ގައުމަށްޓަކައި މިވަތަނަށްޓަކައި އެ ގުރުބާނީވުން. އެހެންވީމާ އެ ސަބަބަށްޓަކައި މިކަން ހަވާލުކުރައްވާފައިވާ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ، މަސްއޫލިއްޔަތު ހަވާލުކުރައްވާފައިވާ ފަރާތްތަކުން ވަރަށް އިހްލާސްތެރިކަމާއި އެކީގައި ވަރަށް ހިތްވަރާއެކީގައި ރެއާ ދުވާލު ލޮލުފިޔަ ނުޖަހާ [އިންސާފުގެ] ކުރިމައްޗަށް ގެންނަންޖެހޭ. އިންސާފު ލަސްވެގެން ދިއުމަކީ އިންސާފު ނުލިބުން،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ދިން ހަމަލާގައި ބައިވެރިވި ފަރާތްތަކަށް މައާފު ނުކުރެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ބަޔަކު ހިންގި މި އަމަލުގެ ސަބަބުން މި ގައުމާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ގެއްލި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަދަދު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވާނެތީ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ހަމަލާދިނުމުން މި ގައުމުގެ އެއްވެސް ރައްޔިތަކަށް ރައްކާތެރިކަން ނެތް ކަމަށް އިންވެސްޓަރުންނަށް ވިސްނުމަކީ ރާއްޖޭގައި އިންވެސްޓްކުރަން ތިބި ފަރާތްތަކުން ފަސްޖެހޭނެ ކަމެއް ކަމަށާއި އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ގައުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން މިއީ ހުރިހާ ރައްޔިތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރަށް އެއްބާރުލުން ދީގެން މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އެހެންކަމުން ރައީސްއަށް އަމާޒުކޮށް ހަމާލާދިނުމާއި އެކު މިވަގުތު ރައީސުލްޖުމްހޫރިއްޔާއަށް އަދި ސަރުކާރަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާެނެ ކަމުގެ ޔަގީންކަން ރައީސް ޔާމިނަށް ދެއްވާފައިވާނެ ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލާ ހިސާބަށް ދިޔައީމާ ގައުމަށްޓަކައި ވެސް ނިކުންނަންޖެހޭ ކަމަށާއި ރައީސް ޔާމިނާއެކު މިވަގުތު ހުންނެވީ ވެސް ގައުމަށްޓަކައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމިނަށް ދެވުނު ހަމަލާއާއި ގުޅިގެން މި ގައުމުގެ މުއައްސަސާތަކުގެ އަގުވެސް ވެއްޓިގެން ހިނގައްޖެ ކަމަށެވެ. އެހެންކަމުން މިގައުމުގެ ސަލާމަތާ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ކަށަވަރުކުރުމަށްޓަކައި މިދަނޑިވަޅުގައި ރައީސް ޔާމިން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް އައްސަރިބަހާ ސާބަސް ހައްގު ކަމަށާއި ޕާޓީއަށް ވުރެ އެމަނިކުފާނަށް ގައުމު ބޮޑުވެފައި މުހިއްމު ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ.
"މިއަދު މިދިމާވެފައި އޮތް މައްސަލައަކީ އަޅުގަނޑުމެން އެއްވެސް ބަޔަކު އެއްްވެސް ގައުމަކު އެއްވެސް ހަމަ ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލުކުރާނެ މައްސަލައެއް ނޫން. މާދަމާ ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވިޔަސް ހަމަ އެގޮތަށް ގޮއްވާލާފައި އަވަހަރާކޮށްލާފައި ވެރިކަމަށް އަންނަން މަސައްކަތް ކުރީމާ އެގޮތަށް މަސައްކަތް އަމާޒުކުރެވިއްޖެއްޔާ މި ކޮން ކަހަލަ ބައެއްތޯ؟ މި އިންސާނުންގެ ސިފައިން ބޭރުވެ ޖަނަވާރުންގެ ވިސްނުމާ ހިޔާލާތާ ހަމައަށް ދިޔައީ ނޫންތޯ؟ އެހެން ނޫންތޯ؟ އެހެންވީމާ އެހާލަތުގައި އަޅުގަނޑުމެން ސިޔާސީ ކަންތައްތަކޭ ނޫނިއްޔާ އެހެންނޭ މިހެންނޭ ކިޔައިގެން ހުންނާކަށް ޖާގައެއް ނެތެއް ނޫންތޯ؟" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމިނަށް ދެވުނު ހަމަލާއަކީ މުޅި ގައުމަށް ދެވުނު ހަމަލާއެއް ކަމަށާއި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަންޖެހޭނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އެމަނިކުފާނާއި އާއިލާ އަދި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ދެއްވަމުން ގެންދަވާނެ ކަމުގައިވެސް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮންމެ ސަރުކާރެއްގައިވެސް މައްސަލަތައް ހުންނާނެ ކަމަށާއި އެކަންކަން ހައްލުކުރާނީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލައިގެން ކަމަށް ދުވަހަކު ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ބަޔަކު އުޅޭ ކަމަށް އަޑު ފެތުރުނު ނަމަވެސް އެކަން ކުރަން ނުކެރޭނެ ކަމަށެވެ. އަދި ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވާ އަދަދަށް ސޮއި ވެސް ނުލިބޭނެ ކަމަށާއި އަދި އެމައްސަލަ ފެއިލްކޮށްލުމަށް ޕީޕީއެމްއާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ބަދަހިކަމާއިއެކު މަސައްކަތް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ ކަންކަންވެސް އަދި އެހެން ކަންކަން ވެސް ކުރިއަށް ގެންދަންވާނީ ގައުމުގެ ހަމަޖެހުން ގެއްލިގެން ނުދާނެ ގޮތަކަށް ކަމަށާއި ސިޔާސީ ގޮތުން ބާރުވެރިކަން ހޯދަންވާނީ ވެސް ގާނޫނީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމުގައިވެސް ވިދާޅުވި އެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ރައީސް ޔާމިންގެ އަނބިކަނބަލުންނަށް ވަރަށް ބޮޑެތި އަނިޔާ ލިބިވަޑައިގެން އެކަމަނާއަށް މިއަދުވެސް ފަރުވާ ދެއްވަމުން ގެންދަވާ ކަމަށާއި މިކަންކަން ހަނދުމަފުޅަށް އައުމުން ވިސްނުންފުޅަށް އުދަގޫވާ ހާލަތަށްދާ ކަމުގައިވެސް ވިދާޅުވި އެވެ. ގާސިމް ވަނީ ރައީސްގެ އަނބިކަނބަލުންނަށާއި ލޯންޗްކޮޅުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އަވަސް ޝިފާއަކަށް ވެސް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ