ރައްޔިތުން ކައުންސިލް ތަކުގެ ރައީސުންނާއި ނައިބު ރައީސް ހޮވާގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހޯމަ ދުވަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސް ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށައަޅައިފިއެވެ.
މި އިސްލާހުގައިވަނީ ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރާނެ ގޮތް ގާނޫނުގައި އޮންނަންވާނެ ކަމަށާއި، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ކައުންސިލުތަކުގައި ހިމެނޭ މެމްބަރުން ދިމިގުރާތީ އުސޫލުތަކުގެ މަތީން އިންތިހާބުކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައި އޮންނަންވާނެ ކަމަށެވެ.
އާމިރު ވިދާޅުވެފައިވަނީ ކައުންސިލް ގެ ރައީސް އާއި ނައބު ރައީސް އެ ކައުންސިލެއްގެ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރާބައެއްކަމުގައި އޮތުމީ ރައްޔިތުންގެ ޑިމޮކްރަސީގެ އުސޫލަށް ބަލާއިރު އެންމެ ޑިމޮކްރަޓިކް ގޮތް ކަމުގައި އޭނާ ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ)ގައި މިހާރު ބުނެފައި އޮންނަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލުތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދިމިގުރާތީ އުސޫލުތަކުގެ މަތީން ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެމްބަރުން ކަމަށެވެ.
އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެކައުންސިލަކަށް ހޮވޭ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ