ގއ. ކޮނޑޭ ކައުންސިލް އިންތިހާބުގައި ފަސް ވަނައަށް ދިޔަ ދެ ކެންޑިޑޭޓާއި ހަ ވަނައަށް ދިޔަ ކެންޑިޑޭޓްގެ މެދުގައި އިންތިޚާބު އަލުން ބާއްވަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޖެނުއަރީ މަހު ބޭއްވި ކޮނޑޭ ކައުންސިލް އިންތިހާބުގައި ފަސް ވަނަ އަށް ދެ ކެންޑިޑޭޓަކަށް އެއް ވަރަށް ވޯޓު ލިބިފައިވެ އެވެ. އެ ދެ ކެންޑިޑޭޓުންނަށް 88 ވޯޓު ލިބުނު އިރު ހަވަނަ އަށް ދިޔަ އަލީ އިބްރާހީމަށް ލިބިފައިވަނީ 87 ވޯޓެވެ.
އެ އިންތިޚާބުގައި ކޮނޑޭ ކައުންސިލަށް ވޯޓުލާންޖެހޭ އުމުރުން 84 އަހަރުގެ މުސްކުޅި ފިރިހެނަކަށް އޮޅުމަކުން ގއ. ދާންދޫ ކައުންސިލަށް ވޯޓު ލެވުނު މައްސަލައަކާ ގުޅިގެން އިންތިހާބުގައި ހަވަނައަށް ދިޔަ ކެންޑިޑޭޓް ވަނީ މި އިންތިހާބުގެ މައްސަލަ ހައިކޯޓަށް ހުށައަޅާފަ އެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށައެޅުމުން އެ ކޯޓުން ވަނީ އެ ކައުންސިލްގެ އިންތިޚާބު ބާތިލްކޮށް މުޅި އިންތިޚާބު އަލުން ބާއްވަން ހުކުމްކޮށްފަ އެވެ. ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ގާނޫނު އަސާސީން އެމީހާއަށް ލިބިދީފައިވާ ވޯޓު ދިނުމުގެ ހައްގުން މަހުރޫމްވުމުގެ އިތުރުން އެ އިންތިހާބުގެ ނަތީޖާ އަށް އަސަރު ފޯރައި ނަތީޖާ ބަދަލުވެދާނެ ފަދަ ހާލަތެއް ވުޖޫދުގައިވާ ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގައި މި މައްސަލަ އިލެކްޝަންސް ކޮމިޝަނުން އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.
ހައި ކޯޓުން ކުރި ހުކުމް ބާތިލްކުރި ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އަމުރުކުރީ އެ އިންތިޚާބުގައި ފަސް ވަނަ އަށް ދިޔަ ކެންޑިޑޭޓް ހޮވުމަށް، ފަސް ވަނަ އަށް ދިޔަ ދެ ކެންޑިޑޭޓުންނާއި ހަ ވަނައަށް ދިޔަ ކެންޑިޑޭޓްގެ މެދުގައި އިންތިޚާބު ބޭއްވުމަށެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ މިއަދު ނިންމީ އެ ކޯޓުގައި މި މައްސަލަ އޮންނަތާ ހަތަރު މަސް ވީ ފަހުންކަން ފާހަގަކޮށްލަންޖެހެ އެވެ..
ކޮނޑޭ ކައުންސިލުން 5 ވަނަ އަށް ދިޔަ މީހަކު ހޮވަން އަލުން އިންތިހާބު ބާއްވަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ