2018 ގައި ވެސް 92 އަހަރުގެ މުގާބޭ ވާދަކުރައްވަނީ

ޒިމްބާބުވޭގައި 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ކެންޑިޑޭޓަކީ އުމުރުން 92 އަހަރުގެ ރައީސް ރޮބަޓް މުގާބޭ ކަމަށް ވެރިކަން ކުރާ "ޒިމްބާބްވޭ އެފްރިކަން ނެޝެނަލް ޔުނިއަން-ފެޓްރިއޮޓިކް ފްރޮންޓް" (ޒާނޫ-ޕީއެފް) ޕާޓީން އިއުލާން ކޮށްފި އެވެ.
މުގާބެ ގެންދަވަނީ 1980 ވަނަ އަހަރު އިނގިރޭސިންގެ ބާރުގެ ދަށުން ޒިމްބާބުވޭ އަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުގައި ވެރިކަން ކުރައްވަމުންނެވެ. އަދި މުގާބޭ އަށް ފަހު ދެން ވެރިކަމަށް އަންނާނެ ފަރާތަކާ މެދު ޒާނޫ-ޕީއެފްގެ ތެރޭގައި ވަނީ ކޯޅުން އުފެދިފަ އެވެ.
ރިޔާސީ ކެންޑިޑޭޓްކަން ގަބޫލް ކުރުމަށް ފަހު މުގާބޭ ދެއްވި ތަގުރީރުގައި ވަނީ ޕާޓީގެ މެންބަރުންނަކީ އެއް އާއިލާއެއް ކަމަށް ވިދާޅުވެ ޕާޓީގެ އެތެރޭގެ ކޯޅުން ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ.
ޕާޓީގެ ކޮންފަރެންސްގައި ޒާނޫ-ޕީއެފް ޕާޓީގެ ޒުވާނުންގެ ގޮފިން ވަނީ މުޅި އުމުރަށް މުގާބޭ ވެރިކަމުގައި ކުރެވޭ ގޮތަށް ހުށަހަޅައިފަ އެވެ. އަދި އެ ގޮފީގެ އިސް ވެރިއާ ކަމަށްވާ ކުޑްޒައި ޗިޕަންގާ ވަނީ މުގާބޭގެ ޕާސްޕޯޓުގައި އަދި ބާރތް ސެޓިފިކެޓުގައިވެސް އޭނާގެ ރަސްމީ ނަން "ރައީސް ރޮބާޓް މުގާބޭ" އަށް ބަދަލު ކުރުމަށް ހުށަހަޅާފައެވެ.
އެހެންނަމަވެސް މުގާބޭގެ ލީޑަޝިޕާ މެދު ހިތްހަމަނުޖެހިގެން ޒިމްބާބުވޭގައި މި އަހަރު ވަނީ ސަރުކާރާ ދެކޮޅު ހަރާކާތްތައް ހިންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ