ހަވީރު މީޑިއާ ގްރޫޕުގެ ދަށަށް ހަވީރު ނޫހާއި ހަވީރު އޮންލައިން ދިޔަ ގޮތް ސާފުކޮށްދިނުމަށް ޝަރީއަތުން އެދިއްޖެއެވެ.
ޝަރީއަތުން އެގޮތަށް އެދިފައިވަނީ ހަވީރުގެ މައްސަލާގައި މިއަދު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ.
ހަވީރު ނޫހުގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ހަވީރުގެ މިލްކުވެރިކަމާ މެދު ހައިކޯޓުން މައްސަލަ ނިންމައި ކޮށްފައިވާ ހުކުމާއި ގުޅިގެން ހަވީރަށް މިހާތަނަށް ލިބިފައިވާ އާމްދަނީގެ ތަފްސީލު ސާފުކުރުމަށާއި ހިއްސާދާރުންނަށް ހައްގުވާ ލިބިފައިވާ ސާފު ފައިދާގެ ބައި ކޯޓު މެދުވެރިކޮށް ހޯދުމަށް. އެމައްސަލައިގެ ތެރެއަށް ހަވީރު މީޑިއާ ގުރޫޕޫން ވަނީ ތަދައްހުލުވެފައެވެ.
ހަވީރު މީޑިއާ ގުރޫޕުން އެ މައްސަލައަށް ތަދައްހުލުވަމުން ބުނެފައި ވަނީ ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގުރޫޕުގެ މިލްކެއް ކަމަށެވެ.
އަދި އެއްވެސް ޝަރުއީ ކޯޓަކުން ހަވީރު ނޫހާއި، ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ ތަކެތި ނޫންކަމަށް ނިންމާފައި ނުވާ ކަމަށެވެ.
ހަވީރު މީޑިއާ ގުރޫޕުން އެގޮތަށް ބުނުމުން ގަޒީ ވިދާޅުވީ އެމައްސަލައަކީ މިލްކުވެރިކަން ސާބިތު ކުރުމަށް ހުށަހެޅިފައިވާ މައްސަލައެއް ނޫން ކަމުން އެވާހަކަ ނުދެއްކޭނެ ކަމަށެވެ.
އަދި ހަވީރު މީޑިއާ ގުރޫޕުގެ ދަށަށް ހަވީރު ނޫހާއި ހަވީރު އޮންލައިން ދިޔައީ ކިހިނެތޯ ސާފުކޮށްދިނުމަށް ގާޒީ އެދިވަޑައިގެންނެވި. އަދި އެއަށް ޖަވާބުދާރީވުމަށް ކޯޓުން ވަނީ ތިން ދުވަހުގެ ފުރުސަތެއް ދީފައެވެ.
އަދި ހަވީރުގެ ހަތަރު ހިއްސާދާރުން މަޝްވަރާކުރުމަށް ފަހު ހަވީރު އޮޑިޓްކުރުމާ މެދު ގޮތެއް ނިންމުމަށް ގަޒީ ވަނީ މިއަދުގެ އަޑުއެހުމުގައި އެދިވަޑައިގެންފައެވެ. އަދި އެކަމާމެދު ގޮތެއް ކަނޑަނާޅައިފި ނަމަ ދެން އަންނަ ޝަރީއަތުގެ މަޖިލީހުގައި ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
ހަވީރު މީޑިއާ ގްރޫޕުގެ ދަށަށް ހަވީރު ނޫހާއި ހަވީރު އޮންލައިން ދިޔަ ގޮތް ސާފުކޮށްދިނުމަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ