އަލްގީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހައިކޯޓުން ހުކުމްކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޯފުޅު އަދި އިމިގްރޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ ކޮންޓްރޯލަރު އަބްދުﷲ އަލްގީންގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތު ނުވާ ކަމަށް ހައިކޯޓުން ވެސް މިއަދު ކަނޑައަޅައިފި އެވެ.
މިމައްސަލާގައި ކްރިމިނަލް ކޯޓުން ވެސް މީގެ ކުރިން ހުކުމްކޮށްފައިވަނީ އަލްގީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުން މިމައްސަލަ ނިންމާފައިވަނީ ގާނޫނީ ހަމަތަކާ އެއްގޮތަށް މި މައްސަލާގައި ދަށު ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ.
އަލްގީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހައިކޯޓުން ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ދައުލަތުން އަލްގީންގެ މައްޗަށް ދައުވާ ކުރީ އޭނާ މޫސުމާ ބެހޭ ގައުމީ އިދާރާގައި ޑިރެކްޓަރަކަށް ހުންނެވި ދުވަސްވަރު މޫސުމާ ބެހޭ ދިރާސާއެއް ކުރުމަށް ޖަޕާނުގެ އިދާރާއެއް ކަމުގައިވާ ޖެމްސްޓެކުން ދޫކުރި ފައިސާ އަލްގީންގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްފައިވާ މައްސަލާގަ އެވެ.
ދައުލަތުން ކޯޓުގައި ބުނެފައިވަނީ އެއީ ދިވެހި ސަރުކާރުގެ ކަމަކަށް ހޭދަކުރަން ދިން ފައިސާ ކަަމަށްވާތީ އެ ފައިސާ ޖަމާކުރަންޖެހޭނީ ސަރުކާރުގެ އެކައުންޓަކަށް ކަމަށެވެ. ނަމަވެސް ދައުލަތުގެ އެ ނުކުތާއަށް އަލްގީންގެ މައްސަަލަ ދަށު ކޯޓުން ނިންމިއިރު ރިއާޔަތްކޮށްފައި ނުވާ ކަމަށްވެސް ދައުލަތުން ވަނީ ހައިކޯޓުގައި ބުނެފަ އެވެ.
އަލްގީންގެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ޑިސެމްބަރު 2012 ގައެވެ. ފުރަތަމަ މިމައްސަލަ ބެލީ ހައިކޯޓުގެ އޭރުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އެވެ.
ނަމަވެސް މިއަދު ހުކުމްކުރި މައްސަލާގައި ފަނޑިޔާރުންގެ ބެންޗްގައި ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ