ސްކޫލް ކުދިންނަށް ކުރެހުމާއި ފޮޓޯ ނެގުމުގެ މުބާރާތެއް މީރާއިން ހުޅުވާލައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ 'ޓެކްސް ވީކް'ގެ އެއް ހަރަކާތެއްގެ ގޮތުގައި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރެހުމުގެ އަދި ފޮޓޯ ނެގުމުގެ މުބާރާތެއް މީރާއިން ހުޅުވާލައިފި އެވެ.
ރާއްޖޭގައި ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކަށް ކިޔަވައިދޭ ހުރިހާ ސްކޫލްތަކަށް މި މުބާރާތް ހުޅުވާލެވިފައިވާ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.
މީރާއިން ބުނީ މި މުބާރާތުގެ މައުލޫއަކީ 'ޓެކުހުން އަޅުގަނޑަށް ކުރާ ފައިދާ' އެވެ. ދަރިވަރުން ހުށަހަޅަން ޖެހޭނީ ޓެކްސް ނިޒާމުގެ ސަބަބުން ދަރިވަރަށް ލިބޭ ފައިދާއެއް ނުވަތަ ފައިދާތަކެއް ދައްކުވައިދޭ ކުރެހުމެއް ނުވަތަ ފޮޓޯއެކެވެ.
ކުރެހުމުގެ މުބާރާތް ހުޅުވާލެވިފައިވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ގްރޭޑް 6 އިން 7ގެ ކެޓަގަރީއާއި ގްރޭޑް 8 އިން 10ގެ ކެޓަގަރީ އެވެ. ފޮޓޯ ނެގުމުގެ މުބާރާތް ހުޅުވާލެވިފައިވަނީ ގްރޭޑް 8 އިން 10ގެ ކެޓަގަރީއަށާއި ގްރޭޑް 11 އިން 12 ގެ ކެޓަގަރީއަށެވެ. ސްކޫލަކުން ހުށަހެޅޭނެ ވަކި އަދަދެއް ކަނޑައެޅިފައި ނުވިނަމަވެސް ކޮންމެ ދަރިވަރަކަށް ހުށަހެޅޭނީ އެއް ފޮޓޯ އަދި އެއް ކުރެހުމެވެ. ފޮޓޯ އަދި ކުރެހުން މީރާއަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކަމަށް ވެސް މީރާއިން ބުނެ އެވެ.
މީރާއިން ހުޅުވާލާފައިވާ މި މުބާރާތުގައި ކޮންމެ ކެޓަގަރީއަކަށް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވޭނެ ކަމަށާއި އެގޮތުން ކޮންމެ ކެޓަގަރީއަކުން އެއްވަނައަށް ދާ ދަރިވަރަކަށް 5,000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެވަނައަށް ދާ ދަރިވަރަކަށް 3,000 ރުފިޔާގެ އިނާމެއް އަދި ތިންވަނަ އަށް ދާ ދަރިވަރަކަށް 1,000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް މީރާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ