މަފާޒު މަރާލި މައްސަލައިގައި ދިފާއީ ހެކިންގެ ހެކި ބަސް ނުނަގަން ކޯޓުން ނިންމައިފި ނިންމައިފި

ސ. މަރަދޫ ހުދުހިރި، އަހުމަދު މަފާޒަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުންގެ ދިފާއީ ހެކިން ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ގ. މަސްއޮޑިގޭ ކައިރީ 2014 ވަނަ އަހަރުގެ ޑިސެމްބަރުގައި ހިނގި މާރާމާރީގައި މަފާޒަށް ހަމަލާދިން މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ހ. އީމާންމަންޒިލް، އަހުމަދު ސައީދާއި، ހ. ބްލޫބާޑްގޭ މުހައްމަދު މިދުހަތުގެ އިތުރުން ދަފްތަރު 1475، އަހްމަދު ރިމާޒްގެ މައްޗަށެވެ.
އެ ތިން މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއީ ހެކީންގެ ހެކި ބަސް ނުނަގާ ގޮތަށް ނިންމީ ދިފާއީ ހެކީން ހާޒިރުކުރަން ދިން ފަހު ފުރުސަތުގައި ވެސް ހެކީން ހާޒިރުކުރެވިފައި ނުވާތީ އެވެ.
އެމީހުންގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ހެކީން ހާޒިރުނުކުރެވުނީ ރަށުގައި ނޫޅޭތީ ކަމަށެވެ. އަދި އެކަށީގެންވާ ފުރުސަތެއް ދީފިނަމަ ދެން އޮންނަ އަޑުއެހުމަކަށް ހެކީން ހާޒިރުކުރާނެ ކަމަށް ހަސީން ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ ނޮވެމްބަރު 27 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ހެކީން ހާޒިރުނުކުރެވުމުން ދެން އޮންނަ އަޑުއެހުމަކަށް ހެކީން ހާޒިރުކުރަން އަންގާފައިވާނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި ދިނީ ހެކީން ހާޒިރުކުރުމަށް ދެވޭ އެންމެ ފަހު ފުރުސަތު ކަމަށާއި އެހެންކަމުން ދިފާއީ ހެކީން ހާޒިރުކުރުމަށް ދެން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމަށް ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 1:00 ގައި އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނުކުރެއްވުމަށް ފަހުގަ އެވެ.
މި މައްސަލަ އާއި ގުޅިގެން ޏ. ފުވައްމުލަކު، ލާސާނީގޭ، ވިޝާހު ރަޝާދުގެ މައްޗަށް ވެސް ޓެރަރިޒަމުގެ ދައުވާ އުފުލާފައިވެ އެވެ. ނަމަވެސް ދައުވާ އުފުލާފައި ވަނިކޮށް، ވިޝާހު ރަޝާދު ވަނީ މަރުވެފައެވެ. ވިޝާހު މަރުވެފައިވާކަން އެނގުނީ އޭނާ ނިދިގޮތަށް ހޭނުލާ ގިނަ އިރުވެގެން ބެލުމުންނެވެ.
އަހުމަދު ސައީދާއި، މުހައްމަދު މިދުހަތުގެ އިތުރުން އަހްމަދު ރިމާޒްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދާއިރު، މިއަހަރުގެ މާޗް މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ތާވަލުނުކޮށް އަޑުއެހުމެއް ބޭއްވުމަށް ފަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަންދުން އެމީހުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ