އެމެރިކާގެ މޫސުން: އިންތިޚާބުގެ ނަތީޖާ އަށް އަސަރު ކުރުވަފާނެ

ވޮޝިންޓަން (ނޮވެމްބަރު 8) - އިންތިޚާބުގެ ދުވަހު އެމެރިކާގެ މޫސުން އޮންނަ ގޮތުން ބައެއް ފަހަރު ވަނީ ނަތީޖާ އަށް އަސަރުކޮށްފަ އެވެ. ވިއްސާރަވެ މޫސުން ގޯސްވެއްޖެ ނަމަ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވުމުން ކުރިން ލަފާކުރި ގޮތާ ޚިލާފަށް ނަތީޖާ ނުކުމެފައިވާ ކަމަށް ރިސާޗްތަކުން ދައްކާފައިވެ އެވެ.
ދެހާސް ހަތް ވަނަ އަހަރު ނެރުނު ދިރާސާއަކުން ދެއްކި ގޮތުގައި 1960 ވަނަ އަހަރު އެމެރިކާގައި އިންތިޚާބު ބޭއްވި ދުވަހު މޫސުން ގޯސްނުވި ނަމަ އެ ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވާނީ ރިޕަބްލިކަން ޕާޓީން ވާދަކުރެއްވި ނައިބް ރައީސް ރިޗަޑް ނިކްސަން އެވެ. ނަމަވެސް އެ ފަހަރުގެ އިންތިޚާބު 303 އިލެކްޓޯރަލް ވޯޓާ އެކު 49.72 ޕަސެންޓުން ކާމިޔާބު ކުރެއްވި ޖޯން އެފް. ކެނެޑީ އެވެ. އަދި 2000 ވަނަ އަހަރު ބޭއްވި މައްސަލަ ބޮޑުވި އިންތިޚާބުގައި ފްލޮރިޑާގެ މޫސުން ރަނގަޅުވި ނަމަ އެ ސްޓޭޓުގެ ވޯޓު ނައިބް ރައީސް އަލް ގޯ ކާމިޔާބު ކުރައްވާ ރައީސް ކަމަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް 537 ވޯޓުގެ ތަފާތަކުން ގޯ އަށް ފްލޮރިޑާ ގެއްލި އެންމެ ފަހުން ވެރިކަމަށް ވަޑައިގެންނެވީ ރިޕަބްލިކަން ޕާޓީގެ ޖޯޖް ޑަބްލިއު. ބުޝް އެވެ.
އެމެރިކާގައި ވޯޓުލާ ދުވަހުގެ މޫސުމަށް ބަލާއިރު ސްނޯ ފައިބާނެ ހަމައެކަނި ސްޓޭޓް ކަމަށް ލަފާކޮށްފައި ވަނީ އެލަސްކާ އެވެ. އަޔޯވާ އާއި ވިސްކޮންސިން އަށް ހެނދުނު ކޮންމެވެސް ވަރަކަށް ވާރޭ ވެހޭނެ އެވެ. އޮހާޔޯ އަށް މެންދުރު އަދި ވެސްޓަން ޕެންސިލްވޭނިއާ އަށް ވޯޓު ފޮށި ބަންދު ކުރުމުގެ ކުރިން ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެން ސްޓޭޓްތަކުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ