ފެބްރުއަރީ 6 ވަނަ ދުވަހުގެ ރެއާއި ފެބްރުއަރީ 7 ވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކަށްފަހު ފެބްރުއަރީ 8 ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކަކީ ވެސް ތާރީޙުގެތެރެއިން ލިޔެވިގެންދާނެ 3 ދުވަސްކަން ކަށަވަރެވެ. އަދި އެދުވަސްތަކުގައި ހިނގައިދިޔަ ކަންތައްތައް އަންނަން އޮތް ޖީލުތަކާއި ހަމައަށް ވެސް ދެމިގެންދާނެ އެވެ.
ފާހަގަކުރެވުނު 3 ދުވަހުގެ އިތުރުން ދެން އެންމެ ތާރީޙީ ދުވަހަކަށް ވާނީ އޮގަސްޓު 30 ވާ ބުރާސްފަތި ދުވަހެވެ. ހަގީގަތުގައި އެއީ ވެސް ތާރީޙުން ލިޔެލެވޭނެ ދުވަހެކެވެ. އަންނަން އޮތް ޖީލުތަކަށް އެދުވަހު ހިނގި ކަންތަކުގެ ވާހަކަ ވެސް ކިޔާދޭނެކަން ކަށަވަރެވެ.
އެއީ 7 ފެބްރުއަރީ ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ތަހުގީގުކުރުމަށް ރައީސް ޑރ.ވަހީދު އުފައްދަވާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އެންކުއަރީ (ކޯނީ) ގެ ރިޕޯޓު ނެރޭ ދުވަހެވެ.
ކޯނީގެ ރިޕޯޓަށް ދިވެހި ރައްޔިތުންނާއި ބޭރުގެ ފަރާތްތައް އިންތިޒާރު ކުރަމުންދާއިރު އެ އިންތިޒާރުގެ ނިމުން މާދަމާގެ ވަގުތެއްގައި އަންނާނެކަން މިހާރު މިވަނީ ކަށަވަރުވެފައެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ "ބަޣާވާތަކުންތޯ" ނުވަތަ "ބަޣާވާތަކުން" ނޫންތޯ ވެސް އެދުވަހު އިނގިގެންދާނެ އެވެ. ރައީސް ނަޝީދު އިސްތިއުފާދެއްވީ މަޖުބޫރު ހާލަތުގައިތޯ ނުވަތަ ނޫންތޯ ވެސް އިނގިގެންދާނެ އެވެ.
ފެބްރުއަރީ 7 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން ސިފައިންނާއި ކުރިމަތިލި ވާހަކަ އާއި ފުލުހުންނާއި އާންމު ރައްޔިތުންނާއި ގުޅިގެން ބަނޑޭރި ގެއަށް ހަމަލާދިން ވާހަކައަކީ ހަމައެކަނި ވާހަކަތަކެއް ނޫނެވެ. އެއީ އެންމެންގެ ލޯކުރިމަތީގައި ފެންނަން އޮތް ހަގީގަތެކެވެ. އެދުވަހު ފުލުހުންގެ އިސް ބައެއް ވެރިންނަށް ވެސް އަނިޔާކުރުމަކީ ވެސް އެދުވަހުގެ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެންނަން އޮތް ހަގީގަތެކެވެ.
ފެބްރުއަރީ 7 ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކަށްފަހު ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހު އެމްޑީޕީން އެމްއެމްއޭ ސަރަހައްދުގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރީ އެކަށީގެންނުވާ މިންވަރަކަށްކަން އެދުވަހު އެސަރަހައްދުގައި ތިބި ނޫސްވެރިންވެސް ގަބޫލުކުރާނެ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ދާދި ފަހުން ނެރުނު ރިޕޯޓުން ވެސް އެކަން ފާހަގަކޮށްފައިވެ އެވެ.
މި ދެދުވަހު ފުލުހުންނާއި ސިފައިންނާއި ހިންގި ހަރަކާތުގައި އަޅާނެ ފިޔަވަޅަކާއި މެދު އިންކުއަރީ ކޮމިޝަންގެ ރިޕޯޓުގައި އޮންނާނެ ކަމާއި މެދު ވެސް މިއީ އުފެދޭ ސުވާލެކެވެ. އެއްބަޔަކު ބުނާ ގޮތުން ކޮމިޝަންގެ ރިޕޯޓުގައި ފުލުހުންނާއި ސިފައިންނާއި މެދު ފިޔަވަޅު އަޅަން ޖެހެ އެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުން އެދުވަސްތަކުގައި ފުލުހުންނާއި ސިފައިން ދައްކުވައިދިނީ ޣައިރު ގާނޫނީ އަމުރަށް ތަބާނުވާނެ ކަމެވެ.
ކޯނީގެ ރިޕޯޓު ނެރުމަށް 24 ގަޑިއިރަށް ވުރެން ވެސް ކުޑަތަން ވެފައިވާއިރު މާލޭގެ މަގުތަކުގައި ހަލަބޮލިކަން އިތުރުވަމުންދާކަން ފާހަގަކޮށްލެވެ އެވެ. ހިނގާފާނެ ހަމަނުޖެހުމަކަށް ފުލުހުން "ހުށިޔާރު" ވެގެން ތިބިއިރު އެމްޑީޕީން މިހާރު ކޮންމެ ރެޔަކުހެން މަގުމައްޗަށް ނިކުމެ ދަނީ މުޒާހަރާކުރަމުންނެވެ.
އެމްޑީޕީން ބުނެފައިވަނީ އޮގަސްޓް 30 ވަނަ ދުވަހު ތަން ތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގަން "ބަޣާވާތް" ކުރި ފުލުހުން ރާވަމުންދާ ކަމުގެ އަޑުތައް ފެތުރެމުންދާ ކަމަށެވެ. ނަމަވެސް އެޕާޓީ އާއި އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެފަދަ ޕްލޭންތަކެއް އެމްޑީޕީން ރާވަމުންދާ ކަމަށެވެ.
އެމްވީޔޫތަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުން ބަޔަކު ދަނީ ފަޅު ރަށެއްގައި ތަމްރީނުތަކެއް ހަދަމުންނެވެ. ނަމަވެސް މި ހަދާ ތަމްރީންތަކަކީ ކޮބައިކަމެއް ނޭންގޭއިރު ތުން ތުން މަތިން އަޑު އިވޭ ގޮތުން އެމީހުން ބޭނުންވަނީ އެދުވަހުން "ޖާނުން ފިދާވުމުގެ" ހަމަލާތަކެއް ދޭންށެވެ.
އެމީހުން ބޭނުންވަނީ ވަކި ސިޔާސީ ފިކުރެއްގައި ތިބި މީހުންނަށް އަނިޔާކުރުމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެމީހުންގެ "ދުވަސް ދުއްވާލަންށެވެ". ނަމަވެސް ގައުމަށް ހެޔޮ އެދޭ ކޮންމެ ރައްޔިތަކުވެސް މި މީހުންނާއި ދެކޮޅަށް ތެދުވާނެކަން ކަށަވަރެވެ. ފުލުހުންނާއި ސިފައިންނަކީ ގައުމުގެ ރައްޔިތުން ހިމާޔަތްކުރަން ތިބި ބަޔަކަށްވާއިރު ފުލުހުންނާއި ސިފައިން ބަލަން ނުތިބޭނެކަން ކަށަވަރެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ނުވަތަ އެހެނިހެންވެސް ފަރާތްތަކަށް ފުރިހަމަ ހެއްކާއިއެކު ހަމަނުޖެހުން ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެ ފަރާތެއް ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުނެފައިވާއިރު ކޯނި ރިޕޯޓާއި ގުޅިގެން ހަމަނުޖެހުން ހިންގަން ރޭވި ކަމުގެ ތުހުމަތުގައި އެއްވެސް މީހަކު މިހާތަނަށް ފުލުހުން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ކޯނީގެ ރިޕޯޓު ނެރެން ކައިރިވަމުންދާއިރު ބައްދަލުވުންތައް ވެސް އިތުރުވާނެ އެވެ. ރާއްޖޭގައި ކުރާ މުޒާހަރާތައް ވެސް އިތުރުވާނެ އެވެ. ފުލުހުން ހުށިޔާރުކަމާއިއެކު ތައްޔާރީ ހާލަތުގައި ތިބޭނެ އެވެ. ކޯނީގެ ރިޕޯޓު ނެރޭނެ ގޮތަކާއި މެދު މިހާރު އެންމެން ވިސްނަމުންދާނީ އޭގައި އޮންނަ އެއްޗަކާއި މެދުގައި އެވެ. އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ބޭނުންވާނީ އެމީހުން ބޭނުން ގޮތަކަށް ރިޕޯޓު އޮތުމަށެވެ. ސަރުކާރާއި އެއްކޮޅު ފަރާތްތަކުން ބޭނުންވާނީ އެމީހުން ބޭނުން ގޮތަކަށް ރިޕޯޓު އޮތުމަށެވެ.
ނަމަވެސް އެންމެން ވެސް ގަބޫލުކުރަންވީ ހަގީގަތަކީ މިއީ އަހަރުމެންގެ ގައުމުކަމާއި އަހަރުމެންގެ އަމިއްލަ ބަހަކާއި ސަގާފަތެއް އޮތް ކަމާއި މި ގައުމަކީ އަމާން ސުލްހަވެރި ގައުމެއްގެ ގޮތުގައި އޮތުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމެވެ. މާދަމާ ރިޕޯޓު ކޮންމެ ގޮތަކަށް ނެރުނު ކަމުގައިވިޔަސް މަޝްވަރާގެ އުސޫލު އިސްކުރުމަކީ އަންނަން އޮތް ޖީލުތަކަށް ވެސް ފައިދާކުރުވަނިވި ގޮތެވެ.
މުޅި ގައުމުގެ ރައްޔިތުން އިންތިޒާރުކުރަމުންދަނީ ކޯނީގެ ރިޕޯޓަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ