ކަރަންޓު ނުލިބޭތީ ފޮނަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުރުހުންފާޅުކުރަނީ

ފޮނަދޫ ކަރަންޓްގެ ޙާލަތު ހައްލުނުވެ ހަތް މަސްވަރުވެގެން ދިޔަ އިރު އެކަމަށް ހައްލު ލިބިފައިނުވާ ކަމަށް ބުނެ ފޮނަދޫ ރައްޔިތުން ކައުންސިލް އިދާރާ ތެރޭގައި އިއްޔެ އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އެގޮތުން އިއްޔެ މެންދުރުފަހު 1 ފެށިގެން ކުރިއަށްދިޔަ މި އިހްތިޖާޖްގައި ރަށުގެ ފަސް ކައުންސިލަރުންގެ އިސްތިޢުފާއަށް ގޮވާފައިވެއެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ އަޙްމަދު ޔޫސުފުގެ އިސްތިއުފާ އާއި ފޮނަދޫ ދާއިރާގެ މެންބަރުގެ އިސްތިޢުފާއަށް ގޮވާފައިވެއެވެ.
ޑީއާރުޕީގެ އަޣުލަބިއްޔަތު އޮންނަ ފޮނަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް މިއަދު ވިދާޅުވީ ފޮނަދޫން ކަރަންޓް ކެނޑިފައި އޮންނަތާ 20 ގަޑި އިރު ފާއިތުވެ، 24 ގަޑި ހަމަވާން ކައިރިވެފައިވާ ކަމަށާއި ފޮނަދޫއިން ކަރަންޓު ގޮސްފައިވަނީ ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ އިންޖީނު ވެސް އިއްޔެ ހަލާކުވުމުން ކަމަށެވެ.
އެހެން ނަމަވެސް މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓްގެ ހިދުމަތް ދެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ސަރުކާރާއި ވާހަކަ ދައްކައިގެން ކަރަންޓްގެ މައްސަލަ ހައްލުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ފޮނަދޫ ކައުންސިލުން މައުލޫމާތުދެ އެވެ.
އިއްޔެ ޝުޢޫރު ފާޅުކުރަމުންދިޔަ ގިނަ މީހުން ގޮވަމުން ދިޔައީ މިހާރު ކަރަންޓް ދެމުން އަންނަ ގޮތަސް އިރުއިރުކޮޅުން ކަރަންޓް ކަނޑަމުން ދިނުމަށްވުރެން އެއްގޮތަކަށްވެސް ނުދިނުން ރަނގަޅުކަމަށާއި މިހާރު ކަރަންޓް ދެމުން ގެންދާ ގޮތުން ގޭގޭގައި ހުރި ކަރަންޓްގެ އެކި އާލާތްތައް ހަލާކުވަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ