ގޮވާ ތަކެއްޗާއި ވަގު ފައިސާ ދެނެގަތުމަށް ކުއްތާތަކަށް ތަމްރީނު ދެވޭނެ: އުމަރު

ކުށްމަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެތި ދެނެގަތުމަށް ގެންނަ ކުއްތާތަކުގައި ގޮވާތަކެއްޗާއި ވަގު ފައިސާ ދެނެގަތުމުގެ ގާބިލުކަން ވެސް ލިބޭނެ ގޮތަށް ތަމްރީނުތަށް ދެވިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކުއްތާތަކަށް ތައްޔާރުކޮށްފައިވާ ގެތައް (ޑޯގް ކެނަލްސް) މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީން މަރާމާތުކޮށް ނިންމައި ފުލުހުންނާ ރަސްމީކޮށް ހަވާލުކުރުމަށް މިއަދު އެއާޕޯޓުގެ ކުއްތާތަކަށް ހާއްސަ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ މަސްތުވާތަކެތީގެ އިތުރުން ގޮވާތަކެއްޗާއި ވަގު ފައިސާ ހޯދުމަށް ކުއްތާތައް ތަމްރީނު ކުރެވިއްޖެ ނަމަ ވަރަށް ގިނަ ކަންތައްތައް ހޯދުމުގައި ފުލުހުންނަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
"ކުއްތާ އަކީ ހަމަ އެކަނި މަސްތުވާ އެއްޗިހި ދެނެގަނެވޭނެ ކުއްތާއެއް ނޫން. ކުއްތާއަށް ދެނެގަނެވޭނެ ގޮވާތަކެތި އަދި ވަގު ފައިސާ، އަޅުގަނޑު އެދެނީ ކުއްތާ ތަމްރީނުތައް މިތަނުގައި ހިގަމުންދާ އިރު ކުއްތާ ތަމްރީނު ކުރަން މަސްތުވާތަކެއްޗާއި ވަގު ފައިސާ އެތެރެކުރާ މީހުން ހޯދުމަށާއި ގޮވާއެއްޗިހި ހޯދުމަށް" އުމަރު ނަސީރު ވިދާޅުވި އެވެ.
މިމަހުގެ 23 ވަނަ ކުއްތާތައް ގެންނަން ފަށާ އިރު ފަހަރަކު ތިނެއް ނުވަތަ ހަތަރު ކުއްތާގެ މަގުން ޖުމްލަ 16 ކުއްތާ ގެނެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ކުއްތާތަށް ތަމްރީނު ކުރުމަށް އަދިވެސް އިތުރަށް ދޭއް ނުވަތަ ތިން މަސް ދުވަސް ހޭދަވާނެ ކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ "ތަމްރީނުތައް ދެވޭނީ ކުއްތާތަކަށް ހާއްސަކުރެވިފައިވާ މި ގޭގައި" ކަމަށެވެ.
މާލޭގެ ސަރަހައްދަށް ހާއްސަކޮށްގެން ގެންނަ 16 ކުއްތާގެ ތެރޭގައި "ބޮޑެތި ޖަރުމަން ޝެޕަޑާއި އެއަށް ވުރެ ކުދި ރަތް ކުއްތާ ވެސް ހިމެނޭނެ" ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުދި ކުއްތާ ގެނައުމުގެ ބޭނުމަކީ ބޯޓުފަހަރުގެ ފަލުކާ ތެރެއަށް ފަސޭހަ ކަމާ އެކު ބޭލުމާއި މުދާތައް ހޯދާއިރު، ދެފޮށިގަނޑު ދޭތެރެން ދާން ފަސޭހަގޮތް ހެދުމުގެ ގޮތުން ކަމަށެވެ.
އުމަރު ވިދާޅުވީ އައްޑު އާއި ކުޅުދުއްފުށި އަދި އިތުރު ސަރަހައްދުތަކަށް ހާއްސަކޮށްގެން އަދި އިތުރު ކުއްތާ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުއްތާތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ގެތަކުގައި ކޮންމެ ކުއްތާއަކަށް ހާއްސަކޮޓަރިއަކާއި ކޮންމެ ކޮޓަރިއެއްގައި ފަންކާއެއް ހަރުކޮށްފައި ހުއްޓެވެ. އަދި އޭގެ އިތުރުން ކުއްތާތައް ފެންވެރުމަށް ހާއްސަކޮށް ބާތް ޓަބެއް ވަނީ ތައްޔާރުކޮށްފަ އެވެ.
ކުއްތާތަކަށް ހާއްސަކޮށް ތައްޔާރު ކުރިގެތައް ފުލުހުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި "ޑޯގް ކެނަލް ގެ އެހާރާއި މިހާރު" އެނަމުގައި ތައްޔާރުކޮށްފައިވާ ފޮތެއް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ހުސައިން ވަހީދަށް ވަނީ އަރުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ