މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގަ ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް އޭނާ ގެއްލުނު އިރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރިލްވާން ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހު އެވެ. މިއަދާއި ހަމައަށް ރިލްވާންގެ އެއްވެސް ހަބަރެއް ވެފައި ނުވާއިރު މިހާތަނަށް ހިންގި އެއްވެސް ތަހުގީގެއްގައި އެ މައްސަލައިގެ ނިމޭ ހިސާބަށް ގޮސްފައެއް ނުވެ އެވެ.
އުމަރު އޭނާގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ ރިލްވާންގެ މައްސަލައިގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭރު ވާނީ ކޮށްފައި ކަމަށެވެ. އެކަމަކު ދޮގާއި އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއް ވެފައި ނުވާ ކަމަށެވެ.
މީގެ ކުރިން އުމަރު ވަނީ އެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް އެކަމަށް ޔާމީން ހުރަސްއެޅުއްވި ކަމުގެ ތުހުމަތުކުރެއްވި އެވެ. އިތުރު ތަފްސީލް ދެއްވާފައެއް ނުވެ އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ދުވަހު އުފެއްދެވި ކޮމިޝަނުން މިހާތަނަށް ކުރި ތަހުގީގަށް ފަހު ބުނެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރިލްވާން ވަގަށް ނަގައި މަރާލާފައިވާ ކަމަށެވެ. އަދި ހަށިގަނޑު ކަނޑުފައްތާފައިވާ ކަމަށެވެ.
ރިލްވާން ގެއްލުނުތާ ހަ އަހަރު ފުރުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިލްވާނަށް އިންސާފު ހޯދައި ދިނުމުގެ ކަންކަން ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެ މަނިކުފާނު އެކަމަށް ޔަގީންކަން ދެއްވީ، ރިލްވާން ގެއްލުވާލިތާ އިއްޔެ ހަ އަހަރު ފުރުނުއިރު ވެސް އިންސާފު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން އާއިލާ އިން ފާޅުކޮށްފައި ވަނިކޮށެވެ.
ރިލްވާން މައްސަލައިގަ މަސައްކަތް ކުރިން، އިތުބާރު ގެއްލުން ނޫން ކަމެއް ނުވި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ