މިނިވަން ދުވަހާއި ގުޅިގެން ތައިލޭންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީން ޚާއްސަ ވާޗުއަލް ރިސެޕްޝަނެއް ބާއްވައިފި

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ވަރޗުއަލް ރިސެޕްޝަނެއް ބާއްވައިފިއެވެ.
މި ރިސެޕްޝަންގައި ޝަރަފްވެރި މެހުމާނަކަށް ބައިވެރިވެވަޑައިގަތީ ތައިލެންޑްގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ދުސިތު މަނަޕަން އެވެ. މި ރިސެޕްޝަންގައި ވާހަކަ ދައްކަވަމުން ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހު ވަނީ ދެޤައުމުގެ މެދުގައި އޮންނަ ގުޅުން، ޚާއްސަކޮށް ވިޔަފާރީގެ ދާއިރާއިން އޮންނަ ގުޅުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޮވިޑް އިން އަރައިގަތުމަށް ތައިލެންޑް ސަރުކާރާއި ވިޔަފާރިތަކުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ހާލަތާއި ބެހޭ ގޮތުންނާއި، ކޮވިޑް-19 އިން އަރައިގަތުމަށް ތައިލެންޑް ފަދަ އެކުވެރި ގައުމުތަކާއި އަދި ބައިނަލްއަގްވާމީ މުޖްތަމައުން ރާއްޖެއަށް އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ޚާއްސަ ވީޑިއޯ މެސެޖެއް ވަނީ ދައްކާލާފައެވެ. މި މެސެޖްގައި މިނިސްޓަރ ޝާހިދު ވަނީ ތައިލެންޑް ބަހުންވެސް ވާހަކަފުޅު ދައްކަވާފައެވެ.
މި ރިސެޕްޝަންގައި ތައިލެންޑްގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި، ތައިލެންޑް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ