މޫސުން ގޯސްވެ، ހއ. އަތޮޅުން ދ. އަތޮޅަށް ވައިޓް އެލަރޓް ނެރެފި

މޫސުން ގޯސްވެ، ހއ. އަތޮޅުން ދ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ވައިޓް އެލަރޓް ނެރެފައިވަނީ ހުކުރު ދުވަހުގެ 08:00ން ފެށިގެން 13:00ށް ކަމަށެވެ. ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
ރާޅުގެ އުސްމިނުގައި 3 ފޫޓާ ފަސް ފޫޓާ ދެމެދުގެ އުސްމިނެއް ހުންނާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ