ފައްސިވާ މީހުން ފެސިލިޓީތަކަށް ގެންދިއުން ލަސްވަނީ މޫސުން ގޯސްވުމުން

ރާއްޖެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވި ބައެއް މީހުން، މި ބަލިމަޑުކަމާއި ގުޅިގެން ޤާއިމްކޮށްފައިވާ ފެސިލިޓީތަކަށް ނުގެންދެވި ލަސްވެފައި ވަނީ މޫސުން ގޯސްވުމުން ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވި ބައެއް މީހުން ފެސިލިޓީތަކަށް ނުގެންދެވި ލަސްވާކަން ފާހަގަކުރެވިފައި ވާކަމަށާއި، އެކަމާއި ގުޅިގެން ޝަކުވާތައް އަންނަމުންދާ ކަމަށެވެ.
ނަމަވެސް މިގޮތަށް ފާއިތުވެދިޔަ ދުވަސްތަކުގައި މީހުން ފެސިލިޓީތަކަށް ގެންދިއުމުގައި ލަސްތަކެއް އުޅެނީ މޫސުން ގޯސްވުމާއި ގުޅިގެން އެ މަސައްކަތަށް ހުރަސް އެޅިފައިވާތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިމަހުގެ 28 އިން ފެށިގެން ފެސިލިޓީތަކަށް ގެންދަން ޖެހޭ ބައެއް މީހުން ނުގެންދެވިވާ ކަމަށެވެ.
"މީގެތެރެއިން ބައެއް ފަރާތްތައް ފެސިލިޓީތަކަށް ނުގެންދެވިފައިވަނީ މިދޭތެރެއިން މޫސުން ގޯސްވުމާއި އެއްކޮށް. ޚާއްސަކޮށް އެރިޔަދޫ އަށް އަދި ގެންދަން ހުރި ފަރާތްތައް އެބަތިބި ނުގެންދެވިފައި. ނަމަވެސް މިއަދުވެސް އަދި މާދަމާ ވެސް އެ މޫވްމެންޓްތައް ކުރިޔަށްދާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ފެސިލިޓީތަކަށް ނުގެންދެވިވާ މީހުން އެތަންތަނަށް ގެންދިއުމުގެ މަސައްކަތަށް ލަސްކަމެއް އައިސް ގިނަ ބައެއްގެ ނުރުހުންވުން އިދާރާތަކަށް އަމާޒުވަމުން އަންނައިރު، ހޮނިހިރު ދުވަހުވެސް 91 މީހަކު ފެސިލިޓީތަކަށް ގެންދެވިފައިވާކަން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އާއި ގުޅިގެން ބައެއް ހިސާބުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވެއެވެ. މޫސުން ގޯސްވެ ކަނޑުގަދަވުމުން، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްވެސް ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ