އިދިކޮޅު ހަރަކާތަށް ޑީއާރުޕީން ތާއީދުކޮށް، ޔާމީން ދޫކޮށްލަން ގޮވާލައިފި

ސަރުކާރާ ދެކޮޅަށް ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ ހަރަކާތްތަކަށް ޑީއާރުޕީން ތާއީދުކޮށް، އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރަން މިއަދު ގޮވާލައިފި އެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލޭ މިންވަރަށް އިންޑިއާއާ ގުޅުން ބަދަހިކުރުމުގެ ތުހުމަތާ އެކު އެކަމާ ދެކޮޅު ސިޔާސީ މަސައްކަތްތަކެއް ޕީޕީއެމާއި ޕީއެންސީން ވަނީ ފަށައިފަ އެވެ. މި މަސައްކަތުގެ ތެރޭގައި މަގުމަތީ ހަރަކާތް ހިންގައި، މުޒާހަރާތައް ވެސް ބާއްވަ އެވެ.
މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ އަދި ގިނަ ޒުވާނުންތަކެއް ހައްޔަރުކުރި ސައިކަލް ބުރު އިންތިޒާމްކުރީ އިދިކޮޅުން ނޫން ކަމަށް ދެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. އެކަމަކު ހައްޔަރުކުރި އެންމެންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވީ އެ ކޯލިޝަނުންނެވެ.
ސައިކަލްތަކުގައި ނުކުމެ ގިނަ ބަޔަކު އެއްވެ އުޅުމަކީ ކޮވިޑް-19 ކޮންޓްރޯލްކުރަން އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ ޚިލާފު ކަމަކަށް ވާތީ ފުލުހުން އެކަމަށް ހުރަސްއެޅީ އެވެ.
ސައިކަލް ބުރަށް ނުކުތް 41 މީހުން ހައްޔަރުކޮށް، އެކަން ހުއްޓުވުމަކީ ޑީއާރުޕީން ދެކޭ ގޮތުގައި، ކޮވިޑް-19 އުޒުރަކަށް ހަދައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމެވެ.
Covid19 uzurakah hadhaa, rayyithun hiyaalu faalhukuran magumachchah nukuthumun, veriyaki kaakukan olhifaivaa #MDP sarukaarun rayyithunge minivankamah araigathun varah harukashikoh #DRP in kuvveri kuran. Evvumun hayyarukuri emmenaai, #PPM ge Leader Raees Yameen vaguthun dhookohlaa— DRP (@drpmaldives) September 13, 2020
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރަކަށް ހުންނެވި އަދި އިދިކޮޅު ޕީޕީއެމާ އެކު ކޯލިޝަނަކުން މަސައްކަތް ކުރަން ހުށަހަޅާފައިވާ ޑީއާރުޕީން ކުރި ޓުވީޓެއްގައި ބުނީ ރައްޔިތުން މަގުމައްޗަށް ނުކުތުމުން ހުއްޓުވުމަކީ ސަރުކާރުން މިނިވަންކަމަށް އަރައިގަތުން ކަަމަށެވެ. އެކަން ހަރުކަށިކޮށް އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން އުފެއްދި އެމްޑީޕީގެ މި ވެރިކަމުގެ ވެރިއަކީ ކޮންބޭފުޅެއް ކަން އޮޅިފައިވާ ކަމަށް ބުނެ ވެސް ފާޑުކިއާފައިވެ އެވެ. އެ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ކޯޅުމަށް ކަމަށް ބެލެވެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ފައްޔާޒް ދިފާއުކުރައްވަން ކުރެއްވެން އޮތް ކަމެއް ކުރައްވަމުންނެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ދޫކޮށްލަން ޑީއާރުޕީން ގޮވާލިއިރު އެމަނިކުފާނު ދޫކޮށްލަން އެދި މަޖިލިހަށް ޖާބިރު ގަރާރެއް ވެސް ވެއްދެވި އެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ގަރާރު ބޭރުކޮށްލީ އެވެ.
އޭގެ ފަހުން، ޑީއާރުޕީން ހުށަހަޅައިގެން ކޯލިޝަނަކަށް އެއްބަސްވާން ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން އެއް މޭޒެއްގައި މަޝްވަރާ ކުރެއްވި އެވެ. އެކަމަކު، އެ މަޝްވަރާގައި ކޯލިޝަނަކަށް އެއްބަސް ނުވާ ކަމަށާއި ޑީއާރުޕީއާ އެކު ސިޔާސީ މަސައްކަތް ކުރަން ނުފާށާ ކަން ދާދި ފަހުން އެ ކޯލިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ