ސަފާރީ މައްސަލަ: 11 މީހަކާ ސުވާލުކޮށް އަންހެންމީހާގެ ފޯނު މޫދުން ހޯދައިފި

ހުޅުމާލޭ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށާއި 11 މީހެއްގެ ބަޔާން ނަގައި، އަންހެންމީހާގެ ފޯނު މޫދުން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލާގައި ފުލުހުން ތަހުގީގު ހިންގި ގޮތާމެދު ބޮޑެތި ސުވާލުތަކެއް ކުރިމަތިވި އެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފިރިހެނުން ހައްޔަރުކޮށް ދޫކޮށްލުމުން ވެސް ފާޑުކިޔުން ފުލުހަށް އަމާޒުވި އެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ މަރިޔަމް އަޒްމާ ވިދާޅުވީ އަންހެންމީހާ ފުލުހަށް މައްސަލަ ހުށަހެޅީ ސަފާރީގައި ތިބި ދެ ފިރިހެނުން އޭނާގެ ގައިގާ އަތްލައި ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނެ ކަމަށެވެ. އޭނާ މޫދަށް ފުންމާލީ އެމީހުންގެ ފަރާތުން އިތުރު ގޯނާތަކެއް ލިބިދާނެތީ އެކަމާ ބިރުން ކަމަށް ބުނެފައިވާ ކަމަށެވެ.
މޫދަށް ފުންމާލުމާ ގުޅިގެން އަންހެންމީހާގެ ފޯނު ގެއްލުނު ކަމަށާއި ޑައިވަރުން ބޭނުންކޮށްގެން އެ ސަރަހައްދުން އޭނާގެ ފޯނު ހޯދާފައިވާ ކަމަށް އަޒްމާ ވިދާޅުވި އެވެ. އަޒްމާ ވިދާޅުވީ މައްސަލާގައި މިހާތަނަށް 11 މީހެއްގެ ބަޔާން ނަގާފައިވާނެ ކަމަށެވެ. އެއީ ކޮން ބައެއްގެ ކަމެއް ވިދާޅުވެއް ނުވެ އެވެ. އެ ދުވަހު ސަފާރީގައި ތިބި ހަތް މީހުންނެވެ. ނަމަވެސް ކުށުގެ ތުހުމަތު ކުރަނީ ދެ މީހެއްގެ މައްޗަށް އެކަންޏެވެ.
މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްއާ މަޝްވަރާ ކުރަމުންދާކަން ވެސް އަޒްމާ ފާހަގަކުރެއްވި އެވެ.
އަޒްމާ ވިދާޅުވި ގޮތުގައި، އަނިޔާ ލިބުނު އަންހެންމީހާ ދިން މައުލޫމާތު ކަމަށް ބުނެ "މެންދުރު"ކިޔާ ވެބްސައިޓެއްގައި ޖެހި ލިޔުމަކާ ގުޅިގެން އޭނާގެ ކަންބޮޑުވުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. އެކަމުގައި އޭނާގެ އަބުރަށް ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެހެންވެ، މެންދުރު ވެބްސައިޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މިހާތަނަށް ބެލިބެލުމުން އެއީ ރަޖިސްޓްރީނުކޮށް ހިންގާ ނޫހެއްކަން އެނގިފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، މެންދުރު ވެބްސައިޓްގައި ލިޔެފައިވާ ވާހަކަ އާއި އަނިޔާ ލިބުނު މީހާ ފުލުހުންނަށް ދިން މައުލޫމާތާ ދިމާ ނުވާ ކަމަށެވެ. އަދި އަންހެން މީހާ ރޭޕްކޮށްފައިވާ ކަމަށް އޭނާ އެއްވެސް އިރެއްގައި ބުނެފައި ނެތް ކަމަށެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
އަންހެންމީހާ ޑޮކްޓަރަށް ގެންދިޔުމުގައި ލަސްވި ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށާއި މައްސަލާގައި އަމަލުކޮށްފައި އެއްވެސް ގޮތަކުން އެއްވެސް ހެއްކެއް ގެއްލިގެން ގޮސްދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މަންނާނު ވިދާޅުވި އެވެ. އަންހެންމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ގެއަށް ގެނެސް ހެދުން ވެސް ބަދަލުކޮށްގެންނެވެ. އަންހެންމީހާ ގެއަށް ގެންދިޔައީ އޭނާގެ އަތުގައި ލިޔެކިޔުންތައް ނެތުމުން ކަމަށާއި އޭނާ ވަގުތުން ވަގުތަށް ހޮސްޕިޓަލަށް ނުގެންދެވުނީ ޑޮކްޓަރަށް ދިޔުމާ ގުޅޭ ގޮތުން އަންހެންމީހާއަށް އޮޅުންތަކެއް އަރައިގެން އެކަން އޭނާ ސާފުކުރަން ބޭނުންވުމުން ކަމަށް ވެސް މަންނާނު ވިދާޅުވި އެވެ.
މަންނާނު ވިދާޅުވި މި މައްސަލަ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދިޔަ ނަމަވެސް އަންހެންމީހާ މޫދަށް ރޭގަނޑު ފުންމާލާނީ ވަރަށް ބޮޑު ކަމެއްގައިކަން ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ، މައްސަލާގައި ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ހިނގާފައިވާނެ ކަމަށް ގަބޫލު ކުރެވޭތީ އެކަން ވެސް ސާފުކުރަމުންދާ ކަމަށް މަންނާނު ވިދާޅުވި އެވެ.
މައްސަލާގެ ތަހުގީގަށް ތުހުމަތު ކުރެވޭ މީހުން ބަނގުރަލަށް ޓެސްޓްނުކުރި ސަބަބާ ގުޅޭ ގޮތުން ޗީފް އިންސްޕެކްޓާ ބަޝީރު ވިދާޅުވީ މައްސަލަތަކުގައި ސާމްޕަލް ނެގުން ނުވަތަ ހެކި ހޯދުމުގެ މަސައްކަތް ކުރަނީ އަނިޔާ ލިބޭ މީހުންދޭ މައުލޫމާތު ނޫނީ އެތަނަށްދާ ފުލުހުންނަށް ލިބޭ މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ. މި މައްސަލާގައި ކުށުގެ ވެށްޓަށް ދިޔަ ފުލުހުންނަށް، ތުހުމަތުވާ މީހުން ބަނގުރާ ބޭނުންކޮށްގެން ތިބި ކަމަށް ތުހުމަތެއް ނުކުރެވެ އެވެ. އަނިޔާ ލިބުނު މީހާ ދިން މައުލޫމާތުން ވެސް އެފަދަ ތުހުމަތެއް ނެތުމުން ބަނގުރަލަށް ޓެސްޓް ނުކުރީ ކަމަށް ބަޝީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ