މިދިޔަ 24 ގަޑިއިރުގެ 1،628 ސާމްޕަލުން ކޮވިޑަށް ޕޮޒިޓިވްވީ 63 މީހަކު

ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް 1،628 ސާމްޕަލް ޓެސްޓްކުރި އިރު އޭގެ ތެރެއިން ޕޮޒިޓިވްވީ 63 ސާމްޕަލް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭގެ ދުވަހު ތަފާސްހިސާބުގައިވާ ގޮތުން އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިއުއޮއްސި 6:00 އަށް ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން 31 ދިވެހިންނާއި 32 ބިދޭސީން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެހެންވެ ޕޮޒިޓިވް ރޭޓަކީ 3.9 ޕަސެންޓެވެ.
މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 10،354 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 9،187 މީހުން ރަނގަޅުވެ އަދި 34 މީހަކު މަރުވެފައި ވާތީ މިހާރު ތިބި ބަލި މީހުންގެ އަދަދަކީ 1،133 އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 79 މީހަކަށެވެ. އަދި 573 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ.
އަތޮޅުތެރެއިން މީހުން ދިރިއުޅޭ 24 ރަށަކާއި 21 ރިސޯޓެއްގައި ކޮވިޑަށް ޕޮޒިޓިވް މީހުން ތިބި އިރު އޭގެ ތެރޭގައި 10 ޓޫރިސްޓުންނާއި ރިސޯޓްތަކުގެ 17 މުވައްޒަފުން ހިމެނެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު ނަންބަރުތައް މި ދެ ދުވަހު މައްޗަށް ގޮސްފައިވަނީ، އައްޑޫގައި ހަދާ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އިންޑިއާ އިން ގެނައި ބަޔަކު ކަރަންޓީނު ނިންމައި ދޫކޮށްލުމުގެ ކުރިން ޓެސްޓްކުރި އިރު އޭގެ ތެރެއިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެ މީހުންނަކީ ރާއްޖެ އައި ގޮތަށް އެހެން ބަޔަކާ ކޮންޓެކްޓް ނުވެ ކަރަންޓީނުގައި ތިބި ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ