ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ވަޒީފާއާބެހޭ ގާނޫނަށް އިޞްލާޙް ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީއާ ދެ ކޮމިޓީއިން އެކުގައި ދިރާސާކުރަމުންދާ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހޯމަ ދުވަހުން ފެށިގެން ހުޅުވާލާ ކަމަށެވެ.
މަޖިލީހުން ބުނީ މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އޮގަސްޓް 3 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޢާންމުންގެ ޚިޔާލު ހޯދުމަށް ކަނޑައެޅިފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ފޮނުއްވައިދިނުމަށް އެދޭ ކަމަށެވެ.
ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. މިބިލަށް ބަލައިގަތުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުން ވަނީ ބިލް ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވާފަ އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ މިއިސްލާހަކީ ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭކަންކަން އިތުރަށް ތަފްސީލުކޮށް ޤާނޫނުގައި ބަޔާންކުރާ ވަޒީފާއާއި ގުޅޭކަންކަން އިތުރަށް ޚަރުދަނާކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މިބިލުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ކަނޑައަޅާފައި ވަނީ، ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދޭ، އެންމެކުޑަ އުޖޫރަ ކަނޑައަޅާފައި ވެއެވެ. އެގޮތުން، އެންމެ މަތީ ކެޓަގަރީއަށް 8.000ރ އާއި 8،500ރގެ ދެމެދުގެ ޢަދަދެއް، ދެން އޮތް ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާއި ދެމެދުގެ ޢަދަދެއް، އަދި އެންމެ ކުޑަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާއި ދެމެދުގެ ޢަދަދެއް ކަނޑައެޅުމަށް ބިލުގައި ވެއެވެ.
މި ބިލުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ނެތި، ވަޒީފާ ދިނުމާއި އަދި ބޭނުންވެއްޖެ ހިނދެއްގައި ވަޒީފާއިން މީހުން ވަކިކުރުން ފަދަ ކަންކަން ހަރުދަނާކޮށް، ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާ ކުރާ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރުންފަދަ ކަންކަމެވެ. އެގޮތުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ނެތި، ވަޒީފާ ދޭ ފަރާތުން ޢަމަލުކުރާނަމަ، ޖޫރިމަނާ ކުރުން ހިމެނެއެވެ. އަދި ވަޒީފާއަށް މީހުން ނަގާއިރު، 'ޕްރޮބޭޝަން ޕީރިއަޑް'ގެ ގޮތުގައި މިހާރު ޤާނޫނުގައި އޮންނަނީ 3 މަސްދުވަސް ކަމަށާއި، ނަމަވެސް ގެނެވޭ އިޞްލާޙުގައި 6 މަސް ދުވަހަށްވުރެ ދިގު ނުވާގޮތަށް 'ޕްރޮބޭޝަން ޕީރިއަޑް' ހަމަޖެއްސުމަށް ވެސް އިޞްލާޙުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ