ކްރިމިނަލް ކޯޓަށް 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލައެއް ނިމިއްޖެކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.
މިއީ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަސްކުރުމަށް އެ ކޯޓުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ގިނަ ދުވަސްވެފައިވާ މައްސަލަތައް މަދުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާކަމަށް އެ ކޯޓުން ވަނީ ހާމަކޮށްފައެވެ.
ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2015 ވަނަ އަހަރުން 2017 ވަނަ އަހަރަށް އެ ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވި ނަމަވެސް، މައްސަލަތައް ނިންމުމުގައި އެދެވޭ މިންވަރެއްގެ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެ ގޮތުން 2016 އަދި 2017 ވަނަ އަހަރުވެސް ހުށަހެޅުނު މައްސަލަތަކަށް ވުރެ ނިންމުނު މައްސަލަތައް 500 ކޭސް މަދެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަތައް ނިންމުމުގައި ލަސްކަމެއް އުޅޭކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ކުރިންވެސް ފާހަގަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ޖުލައި މަހާ ހަމައަށް 1910 މައްސަލަ ކްރިމިނަލް ކޯޓުގައި އޮތްކަމަށާއި އޭގެތެރޭގައި 10 އަހަރު ކުރީގެ މައްސަލަތައްވެސް ހިމެނޭ ކަމަށް ޖޭއެސްސީ އިން ވަނީ މިދިޔަ އަހަރު ހާމަކޮށްފައެވެ. އޭރު ކްރިމިނަލް ކޯޓުގައި ތިއްބަވަނީ 9 ފަނޑިޔާރުންނެވެ.
ކޯޓަށް ހުށަހެޅޭ މައްސަލަތައް ނުނިމި ދިގު މުއްދަތެއް ފާއިތުވުމުގެ ސަބަބުން މީހުންގެ ހައްގަށް އުނިކަމެއް އަންނަ ކަމަށް ސަރުކާރުންވަނީ ފާހަގަކޮށްފައެވެ. މައްސަލަތައް އަވަސްކުރުމަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން މިހާރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އަދަދުވެސް ވަނީ 11 އަށް އިތުރުކުރެވިފައެވެ.
2013 ގެ ކުރިން ހުށަހެޅި ހުރިހާ މައްސަލައެއް ކްރިމިނަލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ