2003 ވަނަ އަހަރު ޖަލުގައި ހިނގި ހަމަނުޖެހުމުގައި ރައީސް މައުމޫން ބަޑިޖެހުމަށް އަމުރެއް ނުކުރައްވާ: ބްރިގޭޑިއަރ ޑީޑީ

19 ސެޕްޓެމްބަރ 2003 ގައި ޖަލުގައި ހިނގި ހަމަނުޖެހުން ހުއްޓުވުމަށް، ބަޑިޖެހުމަށް އެއިރުގެ ރައީސް އަމުރު ނުކުރައްވާކަމަށް ބްރިގޭޑިއަރ އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އިވާން ނަސީމް މަރާލި ދުވަހާއި ގުޅިގެން ކުރި ޓުވީޓެއްގައި ޖަލުގައި އެ ދުވަހު ބަޑިޖެހީ ކޮމާންޑަރ އިން ޗީފްގެ އޯޑަރަށް ކަމަށާއި ބަޑި ޖެހި މީހުނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި އޯރޑަރު ކުރި މީހާ އުފަލާއި އަރާމުގައި ކަމަށް ވިދާޅުވުމާއި ގުޅިގެން ބްރިގޭޑިއަރ ޑީޑީ ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ތަމްސީލް ކުރާ މެމްބަރެއްގެ ހައިސިއްޔަތުން ބުހުތާން ދޮގު ހައްދަވައި ދޮގު އިލްޒާމް އަޅުވަން ނުވާނެކަމަށާއި އެ ދުވަހު ހިނގި ކަންތައްތަަށް ހުއްޓުވުމަށް ބަޑި ޖެހުމަށް އެއިރުގެ ރައީސް، މައުމޫން އަންގަވާފައި ނުވާކަމަށެވެ.
އެ ދުވަހު ހުންނެވީ، ނޭޝަނަލް ސެކިއުރިޓީ ސާރވިސަސް (އެންއެސްއެސް)ގެ ޑިއުޓީ އޮފިސަރަކަށް ކަން ފާހަގަކުރައްވައި ޑީޑީ ވިދާޅުވީ، ގައިދީންނާއި ދެކޮޅަށް ހަތިޔާރު ބޭނުންކުރުމަށް ރައީސް މައުމޫން އެއްވެސް އަމުރެއް ނެރެފައިނުވާކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. އަދި އެކަން ތަަހުގީގުކޮށް، އެ ބަޔާންތައް މިހާރުވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުންނާނެކަމަށާއި ކުށްވެރިވި މީހުންނަށް ހުންނާނީ ފިޔަވަޅު އެޅިފަކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަން އިތުރަށް މީސްމީޑިއާގައި މަޝްވަރާ ކުރަން ބޭނުން ނުވާކަމަށް ވިދާޅުވެ ޑީޑި ވަނީ ތަކުރާރުކޮށް، ރައީސް މައުމޫން ބަޑި ޖެހުމަށް އަމުރުފުޅު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.
މި ޓުވީޓާއި ގުޅިގެން ރައީސް މައުމޫން ވަނީ، ހަގީގަތް ހާމަ ކުރެއްވީތީ ބްރިގޭޑިއަރ ޑީޑީއަށް ޝުކުރު އަދާކުރައްވާފައެވެ.
އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ މާފުށީ ޖަލުގައެވެ. އީވާން ނަސީމްގެ މަރާއެކު އިހުތިޖާޖު ކުރި އެހެން ގައިދީންތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވެއެވެ. ހޮނިހިރު ދުވަހު އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޖަލުގައި މީހުންގެ ގަޔަށް ބަޑި ޖަހާފައިވާގޮތުގެ ފުރިހަމަ ތަހުޤީޤެއް ހިންގައި، އެކަމުގެ ހަޤީޤަތް ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީން ބުނީ މި ޖަރީމާ އަކީ ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުން ދިޔަކަމާއި، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެ ދޫކޮށްފައިވާ ކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ޙަޤީޤަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ޤަބޫލު ކުރެވޭ މިންވަރަށް ތިލަވެގެންދިޔަ ޖަރީމާއެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިޔަކަން އެމްޑީޕީން ފާހަގަ ކޮށްފައިވެއެވެ.
އެމްޑީޕީން ބުނީ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ މި އަނިޔާވެރި ޖަރީމާ އަށްފަހު ވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް ހޯދިފައިނުވާ ކަމަށެވެ. އެގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާނަމަ، އެގޮތުން އޯޑަރު ކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑި ޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ޤާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑި ޖެހިކަމުގެ ތަޙްޤީޤެއް ހިންގައި އެކަމަށް ޝަރީއަތް ކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހިފައިވާކަން ފާހަގަ ކުރާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ