ރައްކާތެރިކަމުގެ ފިޔަވަޅާއެކު ސްކޫލަށް

މުޅި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އައި ކަޅު ދުވަސްތަކަކަށް ފަހު މިއަދު ސްކޫލުތައް ހުޅުވާލީ ދުވަހަކުވެސް ނުދެކޭ ފަދަ ގޮތެއްގަ އެވެ. ސްކޫލް މާހައުލުގައި ފެންނަ އެތައް ކަމެއް މިއަަދު ބަދަލު ކޮށްލައިފި އެވެ. ސްކޫލް ގޯތިތެރޭން އިވޭ ކުދިންގެ އެކި އެކި ވާހަކަތަކާއި ހިނުމާއި ސަކަރާތްޖެހުމުގެ އެ އުފާވެރި މާހައުލު މިއަދު ބަދަލުވެއްޖެ އެވެ. ފެންނަނީވެސް ތަފާތު މަންޒަރެކެވެ. ހަތަރު މަސް ފަަހުން، ސްކޫލްތަކުގެ އެ ގޭޓުތައް ހުޅުވާލީ ދަަރިވަރުންނަށް މަރުހަބާ ކިޔަމުންނެވެ. އުފާވެރި މޫނުތަކެއް ފެނުނު ކަމުގައި ވިޔަސް ބެލެނިވެރިންގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެވެ.
ބިރު އެބަ އޮތެވެ. ބެލެނިވެރިންނާއި ޓީޗަރުުންނާއި ކިޔަވާ ކުދިންގެ މެދުގައިވެސް މެ އެވެ. އެކަކު އަނެކަކާ ވާހަކަދައްކަންވެސް ޖެހިލުންވެ ތިބެ، މިއަދު ބެލެނިވެރިން ސްކޫލްތަކަށް ކުދިން އެ ފޮނުވީ އެ ކުދިންގެ ތައުލީމީ މުސްތަގުބަލަށް ވިސްނާފަ އެވެ. މިއަދު ސްކޫލަށް ވެއްދި ކޮންމެ ކުއްޖެއް ކައިރީ ވެސް މަންމަ ބުނެލަ އެވެ. "ބަސް އަހައިގެން ގޮނޑިން ނުތެދުވެ އިންނައްޗޭ. ޓީޗަރުންގެ އިރުޝާދުތަކަށް ސަމާލުވައްޗޭ. ނަމަ ނަމަ މާސްކު ނުނަގައްޗޭ!" މިފަދަ އެތައް ނަސޭހަތެއް ސްކޫލް ގޭޓު ކަައިރިން އިވުނެވެ. އަދި ހަލަނި ކުދިންނަށް އެތައް ފަހަރަކު ތަކުރާރުކޮށެވެ.
ސްކޫލްތަކުގައި އެކި ކަހަލަ މާކުތައް ޖަހާފަ އެވެ. ގައިދުރުކަމަކީ މިހާރު ދަންނަ ކަމެކެވެ. އެހެންޏާ ކްލާހުގައި އުޅޭ ރައްޓެހި ކުދިން ފެނުމުން ގޮސް ކައިރި ވެލައި މޮޅެތި ވާހަކަދައްކަ އެވެ. މާސްކުތަކުން ނިވާވެ ތިބެ، މިއަދު އެކަންކަން އޮތީ ބިރުވެރިކަމެއްގެ ގޮތުގަ އެވެ. ދެތިން ފޫޓުގެ ދުރުމިނުގައި ގޮނޑި އާއި މޭޒުތައް ބަހައްޓައި، ކުލައިން ފާހަގަ ޖަހާފަ އެވެ. އަދި ފުރިފައި އޮތް ހަލަބޮލި ކްލާހުގައި މިއަދު ތިބީ މަދު ބަޔެކެވެ. ދެ ބަޔަކަށް ބަހާލައި ދިމާވީ ކްލާހުގެ އެއްބަޔަކާއެވެ. ސްކޫލުގެ އެކި ތަންތަނުގައި ކޮވިޑް އާ ގުޅުންހުރި ޕޯސްޓަރުތަކެވެ. ހުސް ނަސޭހަތެވެ.
އިސްކަންދަރު ސްކޫލުގައި އެކި ކަހަލަ އިރުޝާދުތައް ޖަހާފައި --
ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
ވޭތުވެދިޔަ ހަތަރު މަހު، އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލުތައް ގުޅިގެންް ތައްޔާރީތައްވީ މި ދުވަހަށެވެ. އެމަޖެންސީ ރެސްޕޯންސް ޕްލޭން އެއް ހަދައި އެ ޕްލޭންގައިވާ ގޮތަށް ސްކޫލުތަކުގައި ކިޔަވައިދިނުމަށެވެ. ކޮވިޑް ބަލީގެ ނުރައްކަލެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ވެސް ކިޔަވައިދޭނެ އެވެ. މާލެ ސަރަހައްދުގައި މި މަރުހަލާގައި ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން މައްޗަށެވެ. ކޮންމެ ކްލާހެއް ދެ ބަޔަކަށް ބަހާލައިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ، ރައްކާތެރިކަމާއެކު ސްކޫލުތަކުގައި ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ވެފަ އެވެ. އޭގެތެރޭގައި ރަށްރަށަށް ފޮނުވަންޖެހޭ އަތްދޮންނަ ސާމާނާއި ތާމޯމީޓަރު ދިނުމާއި ބެލެނިވެރިންނާއި ސްކޫލުގެ ސްޓާފުން މި ކަމަށް ހޭލުންތެރިކުރުން ހިމެނެ އެވެ.
ކްލާސްްރޫމްގައި ކިޔަވައިދެނީ ދެ ބަޔަކަށް ބަހާލައިގެން
ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
ސްކޫލުތައް ހުޅުވާ އަލުން ކިޔެވުން ފެށުމަށް ކެތް މަދުވެފައި ތިބިކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެކި ގޮތްގޮތަށް، މިނިސްޓަރުގެ ޓްވިޓާ އެކަައުންޓުގައި ބުނަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެކި ކަހަލަ ވީޑިއޯތައް މެދުވެރިކޮށް އެކި ބަހުރުވައިން ދިޔައީ ބުނަމުންނެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، މިއަދު ސްކޫލުތައް އަލުން ހުޅުވާލާ ވަގުތު ވާނީ ވަރަށް އުފާވެރި ވަގުތަކަށް ކަމަށެވެ. އަދި އެ މަންޒަރު ދެކޭ ހިތުން ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. މިނިސްޓަރު ވަނީ ސްކޫލްތަކުގެ ރައްކާތެރިކަން ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން ބެލެނިވެރިންނަށް ދެއްވާފަ އެވެ.
"ވަރަށް އުފާވެރި ވަގުތަށް ހަގީގަތުގައި ވާނީ ދަރިވަރުން ސްކޫލަށް އަންނައިރު. އަޅުގަނޑުމެން ވެސް މި ތިބީ އެ މަންޒަރު ދެކޭ ހިތުން، ދުށުމަށް ދާން ހަމަ ތައްޔާރަށް. ސްކޫލަށް ފޮނުވައިދެއްވާށޭ ދަރިވަރުން. އަޅުގަނޑުމެން ރައްކާތެރިކަން ޔަގީންކޮށްދޭނަމޭ" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
އަތްްދޮންނަ ފުޅިތައް ސްކޫލް ގޭޓް ކައިރީ ބަހައްޓާފަައި
ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
ނިއު ނޯމަލްގައި ދަރިވަރުން އަލުން ކިޔެވުން ފެށި އިރު ކިޔަވައިދެނީ ތިން ގޮތަކަށެވެ. އެއީ، ނިއު ނޯމަލް އަށް ބަދަލުވި ނަމަވެސް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކާއި މީގެ ކުރިން އެއްދަންފަޅިއަށް ކިޔަވައިދިން ނަމަވެސް އާ އުސޫލާ އެކު ދެ ދަންފަޅިއަށް ކިޔަވައިދިނުން ބަދަލުކުރި ސްކޫލުތަކުގެ އިތުރުން ހަފުތާގެ ބައެއް ދުވަސް ދުވަހު ސްކޫލަށް ގޮސްގެން ކިޔެވުން ކުރިއަށްގެންދާ ސްކޫލުތަކެވެ.
އަތޮޅުތެރޭގެ ގިނަ ސްކޫލުތަކުގައި ކިޔަވައިދެނީ ފުރަތަމަ ދެ ގޮތަށެވެ. މާލޭގެ ގިނަ ސްކޫލުތައް ކިޔަވައިދެނީ ހަފްތާގެ ބައެއް ދުވަސްދުވަހު ސްކޫލަށް ގޮސް، އެހެން ދުވަސްތަކުގައި ވާޗުއަލްކޮށެވެ. ސްކޫލުތައް ކޮންމެ ދެ ހަފްތާ އަކުން (14 ދުވަހުން) ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ރިވިއު ކުރެ އެވެ.
ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
މިއަދު ތައުލީމީ ދާއިރާއިން އެޅީ ބޮޑު ފިޔަވަޅެކެވެ. ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމަކަށްވާއިރު އެ ޔަގީންކަން ބެލެނިވެރިންނަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީން އެބަ ދެ އެވެ.
"ބިރުގަނޭ ކުދިން އަލުން ފޮނުވަންވެސް. މި ހުރިހާ ދުވަހު ގޭގައި ބައިތިއްބައިގެން އުޅުނީ އެމީހުންގެ ރައްކަލަށް. މިއަދު މިފޮނުވަނީ ކިޔެވުން މުހިއްމު ވީމައި" ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލަށް އޭނާގެ ދަރިފުޅު ވެއްދުމަށްފަހު ބެލެނިވެރިއެއް ގޭޓު ކައިރީ ހުރެ ބުނެލި އެވެ.
ކުދިން މާސްކު އަޅުވާ އަތަށް ސެނިޓައިޒާ ފުޅި ދީ ތައްޔާރީތަކާއެކު ސްކޫލަށް އެ ފޮނުވީ އަލުން ސްކޫލްތަކުގައި ބޮޑު ތަޅުއަޅުވައި ސްކޫލް ބަންދު ކުރާނެ ދުވަހެއް ނުފެންނާނެކަމުގެ އުއްމީދުގަ އެވެ. ސްކޫލްތަކުގެ ޓީޗަރުންނާއި ސްޓާފުންގެވެސް މިއަދު ހުރީ މިކަހަލަ އިހުސާސެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ