ފެނާންޑޭސްގެ ދެ ގޯލާ އެކު ޔުނައިޓެޑަށް މުހިއްމު މޮޅެއް

ބްރައިޓަން (ޖުލައި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޕޯޗުގީސް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސްގެ ދެ ގޯލާ އެކު 3-0 އިން ބްރައިޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއްގެ ރޭހުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.
ރޭގެ މޮޅާ އެކު ޔުނައިޓެޑް ފަސް ވަނަ އަށް ޖެހިލިއިރު، ހަތަރު ވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީ ކުޑަވެފަ އެވެ. ޗެލްސީ އަށް 31 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޔުނައިޓެޑާއި ހަ ވަނައިގައި އޮތް ވުލްވްސް އަށް ވަނީ 32 މެޗުން 52 ޕޮއިންޓް ހޯދައިފަ އެވެ.
ބްރައިޓަން އަތުން ހޯދި މޮޅާ އެކު ޔުނައިޓެޑުން މިވަނީ ޖެހިޖެހިގެން 15 މެޗު ބަލިނުވެ ފުރިހަމަކޮށްފަ އެވެ. ރޭ ޔުނައިޓެޑް މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފެނާންޑޭސް އެވެ. ދެ ގޯލު ޖެހުމުގެ އިތުރުން ފެނާންޑޭސް ވަނީ ޕައުލް ޕޮގްބާއާ އެކު ޔުނައިޓެޑްގެ މެދުތެރޭގައި ތަފާތު ދައްކައިފަ އެވެ.
ޔުނައިޓެޑާ ގުޅުމަށް ފަހު ކުޅުނު މެޗުތަކުގައި ފެނާންޑޭސް ވަނީ ހަ ގޯލު ޖަހައި ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޔުނައިޓެޑްގެ އެޓޭކްގެ މިހާރުގެ ފޯމު ދެމެހެއްޓުމުގައި ފެނާންޑޭސް މުހިއްމު ރޯލެއް ކުޅޭކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އާއި ޔުނައިޓެޑްގެ ކުރީގެ ގިނަ ކުޅުންތެރިން ވަނީ ބުނެފަ އެވެ.
ޔުނައިޓެޑްގެ ފުރަތަމަ ގޯލު ޖެހީ އާރޮން ވަން ބިސާކާ ދިން ބޯޅައަކުން ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ. އަލެކްސިސް ސަންޗޭޒާއި ރޮމެލޫ ލުކާކޫ މި ސީޒަނުގައި ދޫކޮށްލުމަށް ފަހު ޔުނައިޓެޑުން އެންމެ ބޮޑަށް ބޭނުންވި އެއް ކަމަކީ ގްރީންވުޑަށް ގިނަ މެޗުތަކެއްގައި ފުރުސަތު ދިނުމެވެ. މި ސީޒަނުގައި ފުރުސަތު ދިން ގިނަ މެޗުތަކެއްގައި ގްރީންވުޑް ވަނީ މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ. މި ސީޒަނުގައި ލީގުގައި ގްރީންވުޑް ހަ ގޯލު ޖަހާފައިވާއިރު، އޭނާ އަކީ 18 އަހަރު ނޫނީ އެ އަށް ވުރެން ހަގު ކުޅުންތެރިންގެ ތެރެއިން ޕްރިމިއާ ލީގުގެ ތާރީހުގައި ވޭން ރޫނީ އަށް ފަހު މި އަދަދަށް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. ރޫނީ ވަނީ 2003-2004 ވަަނަ ސީޒަނުގައި އެވަޓަން އަށް ނުވަ ގޯލު ޖަހައިދީފަ އެވެ.
މެޗަށް ފަހު ސޯލްޝެއާ ބުނީ ސީޒަނުގެ މުހިއްމު ހިސާބަކަށް ދާއިރު ޔުނައިޓެޑްގެ ކޮންފިޑެންސް ރަނގަޅު ލެވަލެއްގައި އޮތުމަކީ ޓާގެޓްތައް ހާސިލްކުރަން ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ. އަދިވެސް އުއްމީދަކީ ގަދަ ހަތަރެއްގެ ތެރެއަށް ވަދެ ދެ މުބާރާތް (އެފްއޭ ކަޕާއި ޔޫރޮޕާ ލީގު) ކާމިޔާބު ކުރުން ކަމަށެވެ.
ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ ޔުނައިޓެޑް މި ވަގުތު އޮތް ފޯމުގެ ސަބަބުން އޭނާގެ ޓީމަށް މެޗުގެ މުހިއްމު ވަގުތުތަކުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށާއި އޭގެ ފައިދާ ޔުނައިޓެޑުން ވަރަށް ރަނގަޅަށް ނެގި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ