ރައީސް ޔާމީންގެ ސުވާލުތަކަށް އިންތިޚާބުން ރައްޔިތުން ޖަވާބު ދޭނެ: އިބޫ

ރައީސް އަބްދުﷲ ޔާމީން އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރަހީމް މުހައްމަދު ސޯލިހާ ކުރިމަތި ކުރެއްވި ސުވާލުތަކަށް ރިޔާސީ އިންތިޚާބުގެ ވޯޓުން ރައްޔިތުން ޖަވާބު ދެއްވާނެ ކަމަށް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް މިހާރުގެ ރައީސް އަބްދުﷲ ޔާމީނާ ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހަށް އަމާޒު ކުރައްވާ ގިނަ ސުވާލުތަކެއްވަނީ ކުރިމަތި ކުރައްވާފައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ އިބޫ ރައްޔިތުންނަށް ޖަވާބުދާރީވެވަޑައި ގަންނަވަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގި ކޮރަޕްޝަންތަކާއި، އިދިކޮޅު ޕާޓީތަކުން އަދުލު އިންސާފަށް ނުފޫޒު ފޯރުވައިގެން އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ނެރުއްވީ ކީއްވެގެންތޯ ރައްޔިތުންނަށް އިބޫ ސާފު ކޮށްދެއްވަންޖެހޭ ކަމަށެވެ.
އަދި ރައީސް ނަޝީދުގެ ސަރުކާރުން ކުރައްވާފައި ހުރި ކަންކަން ތަކުރާރު ކުރައްވާނެތޯ ރައީސް ވަނީ އިބޫއަށް އަމާޒުކޮށް ސުވާލު އުފައްދަވާފައެވެ. އަދި ރާއްޖޭގެ ހަރުމުދާ ވިއްކާނަންތޯ ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ބ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައީސް ޔާމީން އެކުރެއްވި ސުވާލުތަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްދުލިބިގެންދާނެ ކަމަށެވެ.
އިބޫ ވިދާޅުވީ މިސަރުކާރުގެ ކަންތައްތަކާ އަމަލުތައް ހުރިގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، މީގެކުރިން އެމްޑީޕީގެ ވެރިކަމުގައި ކަންކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށެވެ.
23 ސެޕްޓެމްބަރުގައި ރައްޔިތުން ނިކުމެ ރައްޔިތުން ބޭނުންވާ ޖަވާބު ގަބޫލުކުރައްވަން ތައްޔާރަށް ހުންނެވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މިސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ކަންކަން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ބަލާނެ ކަމަށާ އެކަންކަމުގެ ޒިންމާ ނަގަންޖެހޭ ބޭފުޅުން ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. އަދި ވަކި ބަޔަކު އެކަމުގައި އިސްތިސްނާ ނުވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ