ރައީސްގެ ދަރިކަލުންނާ ގުޅުވައި ދެއްކި ވާހަކަ ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީހުން ވެސް ކުށްވެރިކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކަ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވެސް ކުށްވެރިކޮށްފިއެވެ. އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންގެންދާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި، އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ 16 އަހަރުގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެ ވާހަކަތައް މީގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އެ މައްސަލައިގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ބަޔާނުގައިވަނީ، ކުޑަކުދިންނަކީ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެން ޖެހޭ ބައެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅައިފައިވާ ކަމަށެވެ. އަދި ހަމަ އެ ގާނޫނުއަސާސީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައި އޮތް ނަމަވެސް، އެ ހައްގު ބޭނުން ކުރުމުގައި އެެހެން އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނާންނަކަން ކަށަވަރު ކުރުމަށް ބަޔާންކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނުގައި ބަޔާންކުރުމާއެކު، އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިދީފައިވާއިރު، ރާއްޖޭގައި ރަސްޖިޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެއްވުމެއްގައި، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެފަދަ ގޮތަކަށް ވާހަކަ ދެއްކުން އޮމްބަޑްސްޕާސަންގެ އޮފީހުން ކުށްވެރިކުރިއެވެ. އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން: މުޒާހަރާއެއްގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ވަނީ ކުށްވެރިކޮށްފައި -- ފޮޓޯ/ އެމްޑީޕީ ހަމައެއާއެކު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައިވާކަން ފާހަގަކޮށް، އެކަން ވެސް އެ އޮފީހުން ކުށްވެރިކުރިއެވެ. "ކުޑަކުދިންނާ މެދު ހިންގާ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން އެ ކުދިންގެ އަމިއްލަ ނަފުސަށްވުރެ އިތުބާރު ކުޑަވެ، ނަފުސާނީ ގޮތުން އެ ކުދިންނަށް ބޮޑެތި ނޭދެވޭ އަަސަރުތައް ތަހައްމަލު ކުރުވާ ފަދަ ކަންކަމެވެ." އެ ބަޔާނުގައިވެއެވެ. އެ އޮފީހުންވަނީ، ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކުޑަކުދިންނަށް ލިބިދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހުރިހާ ފަރާތްތައް ވެސް ދެމިތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައު ހިމެނޭހެން ހުރިހާ ފަރާތެއްގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކުރާ ކަމެއް ކަމަށް ފާހަގަކޮށް، އެ ކުދިންގެ މަސްލަހަތަށް ރިއާޔަތް ކުރުމެއް ނެތި ކުރާ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ދިވެހި މުޖުތަމައަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އެ އޮފީހުން އިލްތިމާސްކޮށްފައިވެއެވެ. އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ، އެ މައްސަލަ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެކަން ގާތުން ބަލަމުން އަންނަ ކަމަށް ވެސް ބުނެފައެވެ. ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކައާ ގުޅިގެން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ މަންދީގެ އިތުރުން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ދެކޮޅަށް މަދަނީ މައްސަލައެއް ހުށަހަޅުއްވަން ނިންމަވައިފައެވެ. https://sun.mv/203709 ސާޖިދާ ވަނީ، ދަރިކަލުންނަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވައި، އެ މައްސަލައިގައި ކޯޓަށް ވަޑައިގަންނަވަނީ ސަރުކާރުގެ ބައިވެރިވުމެއް ނެތި މަންމައެއްގެ ހައިސިއްޔަތުން ކަމަށް ވިދާޅުވެފައެވެ. ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރުވަނީ މި ހަފުތާގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/203687 އެ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީން ބުނެފައިވަނީ މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ