ޝަރީއަތަކުން މަރުވީކަމަށް ނުނިންމައި މައްޗަށް ކަށުނަމާދު ނުކުރެވޭނެ: ޝަހީމް

ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.މާލެއަށް ދަތުރުކުރަނިކޮށް ރޯވި "ހޮޅުދޫ ބޯޓު" އިން މިދިޔަ ހަފުތާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި މާދަމާ ޣައިބަށް ކަށުނަމާދުކުރަން ނިންމުމާ ގުޅިގެން، ޝަހީމް ވިދާޅުވީ މިފަދަ ހާލަތުގައި އެ މީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަން ޖެހޭނީ ގާޒީއަށް ކަމަށެވެ.ކަން ހިނގައި ދިޔަގޮތް ބަލައި. އޭނާ މަރުވެއްޖެކަން ގާޒީ ކަނޑައަޅައިފި ނަމަ އެ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުން ހުއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.މިސާލެއްގެ ގޮތުން މިނިސްޓަރު ފާހަގަ ކުރެއްވި ކަންކަމަކީ، އެމީހާއަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމަށްވެ، ދަރީން ތިބި މީހަކު ކަމަށްވެ، ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވިއްޔާ އޭނާ ވަނީ އެ މީހުންގެ ވާރުތަވެރިއަކަށެވެ."މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މި ހުރިހާ ކަމެއްގެ ހުކުންތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެ، ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ،" މީގެ ކުރިން ވެސް ދެ ސަރުކާރެއްގައި އިސްލާމިކް މިނިސްޓަރު ކަން ކުރެއްވި ޝަހީމް ވިދާޅުވި އެވެ."ގާޒީއަކު އޭނާ މަރުވީ ކަމަށް ކަނޑައަޅައިފިނަމަ އޭނާގެ މައްޗަށް ކަށުނަމާދު ކުރުން ހުއްދަ ވާނެ. ގާޒީގެ މި ހުކުމަށް ފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ސައްހަވާނެ."އެހެންކަމުން މުޝްފިގުގެ މައްޗަށް ވެސް ކަށު ނަމާދު ކުރެވޭނީ ގާޒީއަކު ގޮތް ނިންމައިގެން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.މާވަށު ކައުންސިލުން މިއަދު ނެރުނު ދެންނެވުމުގައި ވާ ގޮތުން، 25 އަހަރުގެ ޒުވާނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހުގަ އެވެ. އަދި އެ ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރާއިރު އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލިކަން އަދި ސިފައިން ހާމައެއް ނުކުރެއެވެ. އަންގާރަ ދުވަހު ވެސް ސިފައިން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ