އެޓްލީގެ ފިލްމުގައި 'ޕުޝްޕާ'ގެ އެކްޓަރުގެ ބަތަލާއަކީ ޕްރިޔަންކާ ޗޯޕްޅާ؟
ފިލްމު "ޕުޝްޕާ"ގެ އެކްޓަރު އައްލޫ އަރުޖުން ހިމަނައިގެން ޑައިރެކްޓަރު އެޓުލީ އުފައްދާ ފިލްމުގެ ބަތަލާގެ ރޯލަށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ތެލުގޫ ސިނަމާގެ ފިލްމީ ޚަބަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވާ ގޮތުން ޑައިރެކްޓަރު އެޓުލީ އަންނަނީ އައްލޫ އަރުޖުންއާއި ޕްރިޔަންކާ އެކީގައި ފިލްމަކަށް ގެނައުމުގެ މަޝްވަރާތައް ކުރަމުންނެވެ. އިންޑިއާގެ އިތުރުން ހޮލީވުޑުން ވެސް ޖާގަ ހޯދާފައިވާ ގްލޯބަލް އައިކަން ޕްރިޔަންކާ ގެންނަން ނިންމާފައިވާ މި ފިލްމަށް ވަގުތީ ގޮތުން ދެވިފައިވާ ނަމަކީ "އޭ6" ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ޖަވާން"އިން ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފްވި އެޓުލީ އަކީ އިންޑިއާގެ ސައުތު ސިނަމާގެ އެންމެ މަގުބޫލު ޒުވާން ޑައިރެކްޓަރުންގެތެރޭ ހިމެނޭ މީހެކެވެ. ބަތަލާ ޕްރިޔަންކާ، ޑައިރެކްޓަރު އެސްއެސް ރާޖާ މޮލީއާ އެކު، އަދި ފިލްމު އެކްޓަރު މަހޭޝް ބާބޫ--ފޮޓޯ/ބޮލީވުޑްހަންގާމާ އެޓުލީ އަކީ އޭނާ އުފައްދާ ފިލްމަކާ ގުޅޭގޮތުން މާގިނަ ތަފުސީލު އެހާ އަވަހަށް އެއްވެސް ފަރާތަކާ ހިއްސާ ނުކުރާ ފަރާތަކަށް ވުމުން އައްލޫ އަރުޖުން އާއި ޕްރިޔަންކާ ހިމަނައިގެން އުފައްދާ "އޭ 6"ގެ ވާހަކަ ވެސް މީޑިއާތަކަށް ވަނީ ސިއްރުކުރެވިފައެވެ. އައްލޫ އަރުޖުންއާ އެކު އެޓުލީ އުފައްދަން ނިންމި މި ފިލްމު މީގެކުރިން ޕްލޭންކޮށްފައި ވަނީ ސަލްމާން ޚާންއާއެކު އުފެއްދުމަށެވެ. ނަމަވެސް މި ފިލްމުގެ މަސައްކަތް ސަލްމާންއާއެކު އެޓުލީއަށް ކުރިއަށް ނުގެންދެވުނީ ފިލްމުގެ ބަޖެޓު މާބޮޑަށް ބޮޑުވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޑައިރެކްޓަރު އެޓުލީގެ ފިލްމަކަށް ބަތަލާ ޕްރިޔަންކާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު ބަތަލާ މިހާރުވެސް އަންނަނީ ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރުންގެތެރޭ ހިމެނޭ އެސްއެސް ރާޖާމޮލީއާ އެކު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި ޕްރިޔަންކާއާ އެކު އެކްޓަރުގެ ރޯލްއިން ފެންނާނީ މަހޭޝް ބާބޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ