މާގިނައިރު އިށީނދެ އިނުމުން ބުރަކަށީގައި ރިއްސާތަ؟

އެއްތަނެއްގައި މާގިނައިރު އިށީނދެ އިނުމުން ބުރަކަށީގައި ރިއްސުމަކީ އަޅުގަނޑުމެންގެތެރެއިން ގިނަ ބަޔަކު ތަހައްމަލުކުރާ ވަރަށް ވޭންހުރި ކަމެކެވެ. ޚާއްސަކޮށް އަދާކުރާ ވަޒީފާގެ ގޮތުން ގިނައިރު އިށީނދެ އިންނަންޖެހޭ މީހުންނަށް މިއީ ވަރަށް ވޭން ހުރި ކަމެކެވެ. ގިނައިރު ވަންދެން މޭޒުދޮށުގައި އިށީނދެ ތިބޭ މީހުން ތަހައްމަލުކުރާ ކަންކަމުގެތެރޭގައި މައިބަދައަށް އެކަމުގެ ޕްރެޝަރު ބޮޑުވުމާއި ކަށީގެ މަސްތައް މާބޮޑަށް ބާރުވުމާއި ހަށިގަނޑުގައި ލޭދައުރުކޮށްދިނުމަށް ހުރަސް އެޅުމައި ބުރަކަށްޓާ އެކު ކަނދުރާގައި އާދަޔާ ޚިލާފަށް ރިއްސުން ހިމެނެއެވެ. އިންޑިއާގެ ފޯޓިސް ހޮސްޕިޓަލުގެ ޑިރެކްޓަ އޮފް ނިއުރޯސާޖަރީ ޑރ. އަނޫޕަމް ޖިންދާލް ބުނެފައިވާ ގޮތުގައި މިކަން އަމިއްލައަށް ހައްލުކުރުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. މާބޮޑަށް ބުރަކަށީގައި ރިއްސާނަމަ އިށީނދެ އިނުމަށްފަހު ތެދުވެ ލުއި ކަސްރަތެއް ކޮށްލެވިދާނެ--ފޮޓޯ/ސްޕަޔައޮކިއުޕޭޝަނަލްހެލްތު އެގޮތުން އިށީނދެ އިންނައިރު ބުރަކަށި ސީދާކޮށް އެކަށީގެންވާ ރަނގަޅު ޕޯސްޗާއެއްގައި އިށީނދެ އިނުމަށް ސަމާލުކަންދިނުން މުހިއްމެވެ. ބުރަކަށްޓާ އެކު ކޮނޑުމައްޗަށް ލުއިކަން އިހުސާސްވާނެ ގޮތަކަށް ފައިތިލި ބިންމަތީގައި ޖައްސާލައިގެން އިށީނދެ އިނުމުން ބުރަކަށްޓަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ޑރ.އަނޫޕަމް ޖިންދާލް ވަނީ ބުނެފައެވެ. ބުރަކަށީގައި އާއްމުކޮށް ރިއްސާ މީހަކަށް ނުވިނަމަވެސް މާގިނައިރު އެއްތަނެއްގައި އިށީނދެ އިންނައިރު ދޭތެރެއަކުން ކޮންމެވެސް ކަހަލަ ހަރަކާތެއް ނުވަތަ ފިޒިކަލް އެކްޓިވިޓީއެއް، މިސާލަކަށް ކޮޅަށް ތެދުވެލުން، ސްޓްރެޗްކޮށްލުން އަދި ދެ ތިން މިނެޓަށް ހިނގާލުމަކީ ހަށިގަނޑުގެ ބްލަޑް ސާކިއުލޭޓްކޮށްދީ މަސްތަކަށް ލިބިފައި ހުންނަ ބާރުކަން ދޫކޮށްލަދިނުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ބެލެންސްޑް ޑައިޓެއް އެކުލަވާލާ ކެއުމަށް ސަމާލުކަން ދިނުަމަކީ ވެސް ބުރަކަށީގެ ރިހުމަށް ލުޔެއް ހޯދުމަށް ކުރެވިދާނެ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް ގިނައިރު މިގޮތަށް އިށީނދެ އިންނަ މީހުންގެތެރެއިން ބުރަކަށީގައި އާދަވެގެން ރިއްސާނަމަ ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ ލުއި ކަސްރަތުތައް ވެސް ހުރެއެވެ. އޭގެތެރޭގައި ޔޯގާ އަދި ޕިލެޓް ހިމެނޭ ކަމަށް ޑރ.އަނޫޕަމް ޖިންދާލް ވަނީ ފާހަގަކޮށްފައެވެ. ތިއީ މާގިނައިރު އިށީނދެ އިނދެ މޭޒުދޮށުގައި މަސައްކަތްކުރާ މީހެއް ނަމަ އިށީނދެ އިންނަ ގޮނޑި އާއި މޭޒުގެ ސައިޒު އެމީހެއްގެ ހަށިގަނޑުގެ ސައިޒާ އެއްވަރަކަށް ބެހެއްޓުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އިށީނދެ އިންނައިރު ފައިތިލަ ބިންމަތީގައި ހަމައަށް ޖެހިފައި ހުރުމުގެ އިތުރުން ކަކޫ ހުންނަންވާނީ 90 ޑިގްރީގެ އެންގަލްއަށް އެކަށީގެންވާ ގޮތަކަށް ކަމަށް ޑރ.އަނޫޕަމް ޖިންދާލް ވަނީ ލަފާ ދީފައެވެ. ބުރަކަށީގައި މިގޮތަށް ރިއްސާ މީހުން އެމީހުންގެ ސިއްހަތަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް ނިވާން ކެއާގެ ސީނިއަ ޕެއިން މެނޭޖްމަންޓް ސްޕެޝަލިސްޓް އެންޑް ހެޑް ޑރ.ޖިއޮތްސްނާ ޖެއިން އަގަރުވާލް ވަނީ ލަފާދީފައެވެ. އެގޮތުން ބެލެންސްޑް ޑައިޓެއް ފޮލޯކުރުމުގެ އިތުރުން ދިޔާ ތަކެތި ގިނައިން ބޭނުންކޮށް ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ހޯދުމަށް ހާއްސަ ސަމާލުކަމެއް ދިނުން ހިމެނެއެވެ. ހަމައެއާއެކު ފޮނި ކެއުންތަކުން ދުރިހެލިވެ ހަކުރުގެ ބާވަތްތައް އެކުލެވޭ ބުއިންތަކާ ދުރަށް ގޮސް ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ކަންކަމުން ދުރުހެލިވުން މީގެތެރޭގައި ހިމެނެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ، ވިޓަމިން ބީ 12 އިތުރުން އަހަރަކު އެއްފަހަރު ތައިރޮއިޑް ޓެސްޓްކޮށްލުން ރަނގަޅު ކަމަށް ޑރ.ޖިއޮތްސްނާ ޖެއިން އަގަރުވާލް ވަނީ އިރުޝާދު ދީފައެވެ. މި ދެންނެވެނު ކަންކަމަށް ސަމާލުކަންދިން ނަމަވެސް ބުރަކަށީގެ ރިހުމަށް ބަދަލެއް ނާންނަނަމަ ސިއްހީ މާހިރެއްގެ އެހީ ހޯދުމަށް އަވަސްވެގަތުމަށް ޑރ.ޖިއޮތްސްނާ ޖެއިން އަގަރުވާލް ވަނީ ލަފާ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ