މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ތަހުގީގެއް ހިންގަން، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މިއަދު އެދިވަޑައިގެންފި އެވެ.
ވީކިހިނެއް؟ - ޒުވާނުންނާއި އާންމުންގެ ނުރުހުމާއި ކަންބޮޑުވުން ވެސް އަމާޒުވި މި މައްސަލާގައި އަޒާން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ތަފްސީލް - އަޒާން ފޮނުއްވި ސިޓީގައި ވަނީ:
މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވަނީ އާންމުކޮށް މިފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރާ ގޮތާ ތަފާތުކޮށްކަން ފާހަގަކުރެވޭ
އާންމުންނާއި ޒުވާނުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ ޕާލިމެންޓް އިންކުއަރީއެއް ހިންގަން އެދެން
ޕާލިމެންޓް އިންކުއަރީއެއް ހިންގަން ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް އޮންނަ 241 ކޮމިޓީގެ ސަމާލު ކަމަށް ސިޓީގައި ގެނެސްފައިވޭ
މައްސަލައިގެ ފެށުން - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް، 21 އަހަރުގެ އެ ޒުވާނާ ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށްލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ އަންހެން މީހާ ރޭގެ ވަގުތެއްގައި ވެންޓިލޭޓަރުން ވަނީ ނަގާފަ އެވެ.
އެ ޒުވާނާ ކޮއްޕާ ވައްޓާލީ ކަމަށް ތުހުމަތުކޮށް ވަރަށް ގިނަ ވާހަކަތައް ދަނީ ފެތުރެމުންނެވެ. ބައެއް މީހުންނަށް އެ ތުހުމަތު އަމާޒުކޮށް އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ. ނަމަވެސް، ފުލުހުން ބުނީ އެ އަންހެން މީހާ ނުވަ ވަނަ ބުރިން ވެއްޓުނީ މީހަކު ކޮއްޕާލައިގެން ނޫންކަން ތަހުގީގަށް ޔަގީންވެފައިވާ ކަމަށެވެ.
އެ ޒުވާނާ ވެއްޓުނު އިމާރާތުގެ ކުރިން އެ ރޭ މާލޭގެ މައްޗަންގޯޅީގައި ހުންނަ ގެއަކަށް ދިޔަ އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވެސް ދިރިއުޅުއްވާ ގޭގައި ހިމެނޭ އޭނާއަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއިން އުޅޭ ބަޔެކެވެ. އެ ތަނުގައި އެ ރޭ އެއްވުމެއް އޮތް ކަމަށް އަމީން ވެސް ވިދާޅުވި އެވެ.
މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތު އަމާޒު ކުރަނީ އެ ކަމާ ގުޅުވަ އެވެ. ނަމަވެސް އަމީން ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އެ ގޮތުން:
އެ ގެއަކީ އަމީންގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ އިތުރު ތިން މީހުންގެ ވެސް މިލްކުގައިވާ ތަނެއް
ޒުވާނުންގެ ހަރަކާތް އޮތީ އަމީން ދިރިއުޅޭ އެޕާޓްމަންޓަކު ނޫން ކަމަށް ވިދާޅުވެ އޭގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ލިއުއްވި
އެ ހަރަކާތުގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ ކޮއްކޮއަކު ބައިވެރިވި؛ ހާދިސާއަށް ފަހު އެ މީހުންނާ ސުވާލުކުރަން ވެސް ފުލުހުން ގެންދިޔަ
އެ ހުރިހާ ކަމެއް އެނގިވަޑައިގަތީ ހުކުރު ދުވަހުގެ ހަވީރު؛ ތަހުގީގަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވި
އިމާރާތަކުން ޒުވާނަކު ވެއްޓުނު މައްސަލާގައި މަޖިލީހުން ތަހުގީގެއް ހިންގަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ