ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ގޮތާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް؛ ފުލުހުން ބުނީ މީހަކު ހައްޔަރުނުކުރާ ކަމަށް

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް، މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ޒުވާން އަންހެން ކުއްޖާ ބަޔަކު ކޮއްޕާލައި ވައްޓާލީ ކަމުގެ ތުހުމަތު އަމާޒުކޮށްފައިވީ ނަމަވެސް އަދި މީހަކު ހައްޔަރުނުކުރާކަން އެނގިއްޖެ އެވެ.
ވީކިހިނެއް؟ - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް، 21 އަހަރުގެ އެ ޒުވާނާ ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށް ލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އެ ޒުވާނާ ކޮއްޕާލީ ކަމަށް ތުހުމަތުކޮށް ވެސް ވަރަށް ގިނަ ވާހަކަތައް ދަނީ ފެތުރެމުންނެވެ. ބައެއް މީހުންނަށް ވެސް ތުހުމަތުކޮށް އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.
ތަފްސީލް - އެ ޒުވާން އަންހެން ކުއްޖާގެ ގާތް ބައެއް މީހުން ކިޔައިދިން ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މިކަން ހިނގީ އޭނާގެ ރަހުމަތްތެރިންނާ އެކު އޮތް 'ޕާޓީއެއް'ގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބަ އެވެ. 
އެކަމާ ގުޅޭ ގޮތުން އެ ޕާޓީގައި ތިބި ބައެއް މީހުންނާ ފުލުހުން ސުވާލުކުރުމަށް ފަހު ދޫކޮށްލާފައިވާކަން ވެސް އެނގިފައިވެ އެވެ.
ނަމަވެސް އަންހެން ކުއްޖާ ކޮއްޕާލީ ކަމެއް އަދި އެ ކަމަށް ބާރުދޭ ހެކި ފުލުހަށް ލިބުނު ކަމެއް ސާފެއް ނުވެ އެވެ.
ފުލުހުންގެ ބަސް - ފުލުހުންނާ ސުވާލުކުރުމުން ދިން ހަމައެކަނި ޖަވާބަކީ "މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ، އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން" ކަމަށެވެ.
"ފުލުހުންގެ ތަހުގީގު ހަމަ ބާރަށް ކުރިއަށް އެބަދޭ. ވަށައިގެން ހުރި ހުރިހާ ކަމެއް ވެސް ބަލަމުން ދަނީ،" ފުލުހުންނާ އެކި ސުވާލުތައް ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ