ކައުންސިލްތަކުގެ އާމްދަނީގެ ބާކީ ބޭނުން ނުކުރެވޭތީ މެންބަރުން ކަންބޮޑުވެއްޖެ

ކައުންސިލްތަކަށް ލިބޭ އާމްދަނީ އާއި ހިލޭ އެހީގެ ތެރެއިން މިދިޔަ އަހަރު ނިމުނު އިރު 2.1 ބިލިއަން ރުފިޔާ ބާކީ ހުރި ކަމަށާއި މިހާރު އޮތް ގޮތުން އެ ފައިސާ އިން މަންފާ ކުރާނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު އޮތް ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ ކައުންސިލުތަކަށް ދޭ ހިލޭ އެހީ އާއި އާމްދަނީން ބާކީވާ ބައިގެ މައްސަލަ ދިރާސަކޮށް، އެކަމަށް ބަހުސް ކުރައްވައިފަ އެވެ.
ތަފްސީލް - އެ މައްސަލާގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، މިގޮތަށް ކައުންސިލުތަކަށް ލިބޭ ހިލޭ އެހީ އާއި އާމްދަނީގެ ތެރެއިން އަހަރު ނިމޭއިރު ހަރަދު ނުކޮށް ބާކީ ހުންނަ އަދަދަށް ކޮންމެ އަހަރަކު 200 މިލިއަނެއްހާ ރުފިޔާ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނާ ކަމަށެވެ.
ނާޒިމް ވިދާޅުވީ މިގޮތަށް އިތުރުވާ ފައިސާ ހަރަދު ކުރެވޭނެ އިތުރު ގޮތެއް ނެތުމަކީ މިހާރު އޮތް ލާމަރުކަޒީ ގާނޫނުގެ އުނިކަމެއް ކަމަށެވެ.
"ސަބަބަކީ މިހާ ބޮޑު އަދަދެއް އެއްވެސް ބަޔަކަށް އަތް ނުލެވޭ ގޮތަށް ހުރި އިރު، މީގެން މަންފާ ކުރަނިވި އެއްވެސް ކަމެއް ކުރެވޭކަށް ނެތް. އަޅުގަނޑުމެން ދެއްތޯ މި ދައްކަނީ ސަރުކާރުގެ ވަރަށް ގިނަ އަދަދެއްގެ ބިލުތަކަށް ފައިސާ ނުދެއްކި ހުރި ވާހަކަ؟ އަނެއްކާ ކޮންމެ މަހަކު ސަރުކާރުން އެތައް ބިލިއަން ރުފިޔާގެ ޓީބިލު ވެސް އެބަވިއްކާ މުސާރަ ދިނުމާ އެހެން ހަރަދުތައް ކުރަން،" ނާޒިމް ވިދާޅުވި އެވެ.
"އެހެން ނަމަވެސް މި ފައިސާގައި އަތް ނުލެވޭ ގޮތަށް މިހެން ހުރީމާ އެއީ މިހާރު އޮތް ގާނޫނުގެ އުނިކަމެއް."
ނާޒިމް ވަނީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރާއިރު އެކަން ކަމަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް މަންފާ ކުރާ ގޮތަށް ބޭނުންކުރެވެން ވާނެ،" އޭނާ ވިދާޅުވި އެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދީގެން، ރައްޔިތުންގެ ސީދާ މަސްލަހަތާ ގުޅޭ މަޝްރޫއުތައް ހިންގަން ކައުންސިލްތަކާ ހަވާލުކޮށްފައި އޮތީ މާތް މަގުސަދެއްކައި ކަމަށެވެ.
"އާންމުކޮށް އަޅުގަނޑުމެންނަށް އިވޭ އަޑަކީ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާއިރު ކައުންސިލްތަކަށް ދޭ ފައިސާގެ އަދަދު މަދުވެގެން އަންނަ ޝަކުވާ،" ޝުޖާއު ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު ކައުންސިލްތަކުން ހަރަދު ނުކޮށް 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށާއި އެ ފައިސާއަށް ވާނެ ގޮތެއް ގާނޫނުގައި ނެތުމުން އެ ރިކޮންސައިލް ކުރުމުގައި ކައުންސިލްތަކުން ފަހަތު ފަޔަށް ބުރަވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ރައްޔިތުންގެ ފައިސާ. ކައުންސިލްތަކަށް މި ފައިސާ ދެނީ ރައްޔިތުންނާ ގުޅޭ ހިދުމަތްތައް ރަށްރަށުގައި ތަރައްގީކޮށް ކުރިއެރުވުމަށް ދޭ ފައިސާ،" އޭނާ ވިދާޅުވި އެވެ.
ގާނޫނުގައި ވަކި ގޮތެއް ބަޔާންވެފައި ނެތް ނަމަވެސް، ކައުންސިލްތަކުގެ އެކައުންޓުތައް ރިކޮންސައިލް ކުރެވެން ޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރާއިރު، ގާނޫނުގައި އެކަން އެގޮތަށް ހިމެނުމަށް މާލިއްޔަތު ކޮމެޓީން ލާމަރުކަޒީ ކޮމެޓީގައި އެދެން ޝުޖާއު ހުށަހެޅުއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާލިއްޔަތު ކޮމެޓީން އެލްޖީއޭއަށް އެންގެން ޖެހޭން ހަރުކޮށް ކައުންސިލްތަކަށް އަންގަން އެ ބޭފުޅުންނަށް ދައުލަތުން ބްލޮކް ގްރާންޓަށް ދޭ ފައިސާ އާއި އެ ނޫން ގޮތަށް ލިބޭ ފައިސާ ރައްކާތެރިކަމާ އެކު ބެލެހެއްޓި، އެ ބޭފުޅުންގެ ބޭންކު އެކައުންޓުތައް ބެލެހެއްޓި، ރިކޮންސައިލް ކުރެވި މި ހުރިހާ ކަމެއް ނިޒާމުގެ ތެރެއިން ފުރިހަމަ ކުރެވިފައި އޮންނަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ކޮމެޓީގައި ތިއްބަވާ އިދިކޮޅު މެންބަރުން ވަނީ، ކައުންސިލްތަކަށް ލިބޭ އާމްދަނީއާ 'ކުޅެން ޖެހޭނީ' ރަނގަޅު ދިރާސާއަކާ އެކު ކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް ހުރިހާ ކައުންސިލަކީ އެއްވަރަކަށް އާމްދަނީ ލިބޭ ރަށްތައް ނޫން ކަމަށާއި ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު ވެސް އެއްވަރު ނޫންކަން އެ މެންބަރުން ފާހަގަ ކުރެއްވި އެވެ.
"ރަނގަޅު ވާހަކައެއް ދައުލަތުގެ ދަރަނި ބޮޑުވެ ދައުލަތުގެ މި ކަންކަން ހުރިއިރުގައި ބޭނުން ނުކުރެވޭ ގޮތަށް މިހާ ގިނަ އަދަދެއްގެ ފައިސާ ބެހެއްޓުމަކީ މުހިއްމު ކަމެއް ނޫން ޓީބިލާ މި ހުރިހާ އެއްޗެއް ވިއްކަމުން ދާއިރު،" ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑު މި ދަންނަވަނީ ހުރިހާ ރަށަކަށް ލިބޭ އާމްދަނީން އެހާ ވަރެއް ނުވެޔޭ، ބަޖެޓުން ހަމަނުޖެހޭ ރަށްރަށް ވެސް އެބަހުއްޓޭ. އެހެންވީމާ މި ހުރިހާ ކަމެއް ދިރާސާކޮށްފައި މިއަށް ގެންނަން ޖެހޭ ބަދަލެއް ގެނައުމުގެ ވިސްނުން ގެންގުޅެން ޖެހޭނީ."
އޭނާ ވިދާޅުވީ 186 ކައުންސިލަށް 2 ބިލިއަނެއްހާ ރުފިޔާ އަކީ ގިނަ އަދަދެއް ނޫން ކަމަށެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވީ މި މައްސަލަ އަކީ ކޮމެޓީން އުފައްދައިގެން އުޅޭ މައްސަލައެއް ކަމަށެވެ.
ކައުންސިލްތަކަށް ހިލޭ އެހީގެ ބޭރުން ވެސް އާމްދަނީ ލިބޭކަން ފާހަގަ ކުރައްވައި ޝަމްހީދު ވިދާޅުވީ، އަހަރު ނިމޭއިރު އެކައުންޓު ހުސްކޮށްލުމަކީ އަބަދު ވާނެ ކަމެއް ނޫން ކަމަށެވެ.
"މިއީ އަސްލު ކައުންސިލްތަކާ ދެކޮޅަށް މިއަދުގެ ސަރުކާރުން ކުރާ މަސައްކަތްތަކުގައި އަނެއްކާވެސް ކައުންސިލްތައް ކިލަނބު ކުރުމުގެ މަގުސަދުގައި ދައްކާ ވާހަކައެއް،" ޝަމްހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ