ރުފިޔާއިން ސާވިސް ޗާޖު ދިނުމަކީ ހީލަތުގެ އަމަލެއް: ގާސިމް

ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމާފައިވާ ކަމަށާއި މުވައްޒަފުން ނުރުހޭ ހާލުގައި އެކަން ކޮށްފި ނަމަ ވާނީ ހީލަތުގެ އަމަލަކަށް ކަމަށް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟- ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް، ގާނޫނެއްގެ ދަށުން، ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް އެކަން އަންނަނީ ތަންފީޒުކުރަމުންނެވެ. އެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރުމުގައި 'އޭ ކެޓަގަރީ'ގައި ހިމެނޭ ރިސޯޓުތަކަށް އިހްތިޔާރުތަކެއް ލިބެ އެވެ. އެގޮތުން:
ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން
ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ %20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުން
ސަރުކާރުގެ މި ނިންމުމާ އެކު، ބޮޑެތި ބައެއް ރިސޯޓުތަކުން ވަނީ އޭގެ ސަބަބުން ރިސޯޓު ހިންގަން ދަތިވާ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ. ބައެއް މިހާރު ނިންމާފައި ވަނީ އަންނަ މަހުން ފެށިގެން ސާވިސް ޗާޖު ރުފިޔާއިން ދޭ ގޮތަށެވެ.
އެކަމާ ވިލާ ގްރޫޕްގެ ބާނީ ގާސިމް ވަރަށް ދެކޮޅެވެ. އޭނާގެ ނަޒަރުގައި އެއީ ހައްގު ނިންމުމެއް ނޫނެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ޓޫރިސްޓުންގެ އަތުން ސާވިސް ޗާޖު ނަގަނީ ވެސް ޑޮލަރުން ކަމަށާއި އެހެންވެ، އެ ހައްގު، ހަމަ އެގޮތަށް މުވައްޒަފަށް ވެސް ލިބިދީ، ޑޮލަރުން ފައިސާ ދޭން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި:
ޑޮލަރުން ނޫން ގޮތަކަށް ސާވިސް ޗާޖު ލިބިގަތުމަށް މުވައްޒަފުން އިންކާރުކުރަނިކޮށް، ރުފިޔާއިން ދިނުމަކީ ގާނޫނުގައި ބަޔާންކުރާ މަކަރާއި ހީލަތް ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިއުޅައިގަތުން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް
މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާ ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ގާނޫނީ ވާޖިބެއް ކަމަށް
"އެހެންކަމުން ޑޮލަރުން ލިބޭ ސާވިސް ޗާޖެއް، މުވައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައި ވާ ގޮތުގެ މަތިން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް އަޅުގަނޑު ދެކެމެވެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާއަކީ ވެސް، އެތައް ހާސް މުވައްޒަފުންނެއް ގެންގުޅޭ، އޭ ކެޓަގަރީގެ ރިސޯޓުތަކެއް ހިންގަވާ ބޭފުޅެކެވެ. އެހެންވެ ސަރުކާރުން އަލަށް ގެނައި ބަދަލުގެ ދަތިކަން އޭނާއަށް ވެސް ކުރިމަތިވާ ކަމަށާއި ނަމަވެސް ސާވިސް ޗާޖަކީ މުވައްޒަފުންގެ ބޮޑު ހައްގަކަށް ވެފައި، ދިވެހި ރުފިޔާއިން އެ ދިނުމަކީ އެ މީހުންނަށް ދެވޭ މާ ބޮޑު ގެއްލުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވަނީ ބައެއް ކުންފުނިތަކުން، މުސާރަ ވެސް ފައިސާއިން ދޭން ނިންމަން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ޑޮލަރުން މުސާރަ ދޭން މުވައްޒަފުންނާ އެގްރީމެންޓުކޮށްފައިވާ ނަމަ، އެ މުއްދަތުގެ ތެރޭގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުންނެވެ. އެހެން ފައިސާއަކުން ދެވޭނީ، އެކަމަށް މުވައްޒަފު އިއުތިރާޒް ނުކުރާ ނަމަ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ